ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅު" ގެ ނަމުގެ ގޮތުން ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުންނާއި ސަޕޯޓަރުން ބޭނުން ކުރަން ފަށައިފި އެވެ.
މިމަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސައުދީ ރަސްގެންފާނު ވަޑައިގެންނަވަން ކައިރިވަމުން ދާއިރު ސަރުކާރުގެ ތެރެއިން ދަނީ ފ. އަތޮޅު ވިއްކާލަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ބައެއް ތަފްސީލްތައް ހާމަވަމުންނެވެ.
އެ އަތޮޅު ވިއްކާލަން ނޫޅޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށް އެމަނިކުފާނަށް ތާއީދު ކުރައްވައިގެން ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ ބިދޭސީންނަށް ބިން މިލްކު ކޮށްދިނުމާއި ދެކޮޅުކަން ހާމަކުރައްވާފައި އެވެ.
އެކަމަކު ރާއްޖޭގައި ބިޔަ އެއްވެސް މަޝްރޫއުއެއް ހިންގަން ނޫޅޭކަމަށް ސައުދީ އެމްބަސީން ބުނެފައި ވަނިކޮށް ސަރުކާރު ހިންގާ ޕާޓީގެ މަޖިލީސް މެންބަރުން މިވަނީ ފ. އަތޮޅަށް " ސައުދީ އަތޮޅު" ކިޔަން ފަށާފައި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ފ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރެއްގައި ފުރާވަޑައިގެންނެވުމުގެ ކުރިން އެ އަތޮޅު ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވަނީ ވަޑައިގެންނަވަނީ ސައުދީ އަތޮޅަށް ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައި އެވެ.
އަދި މިހާރު ޓުވިޓާގައި ގިނަ ޕީޕީއެމް ސަޕޯޓަރުންނާއި އެކްޓިވިސްޓުންވެސް ބޭނުން ކުރަނީ ފ. އަތޮޅުގެ ބަދަލުގައި "ސައުދީ އަތޮޅު" އެވެ. ފަހަރުގައި މިއީ އިދިކޮޅު ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން ނުވަތަ މަޖަލަކަށް ބޭނުން ކުރާ ނަމަކަށް ވެދާނެ އެވެ.
އެކަމަކު ސަރުކާރުގެ ތެރެއިން މީގެ ކުރިން ކަންތައް ހިނގާފައިވާގޮތަށް ބަލާއިރު މިކަން މަޖަލަކަށް ވެދާނެތޯ ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަން ފަށައިފި އެވެ.
އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައިސް ކަމަށް ގެންނަން އުޅުނު އިރު ނުސީދާކޮށް ސޯޝަލް މީޑިއާގައި "ބުރޯ" ވަރެއް ނެތް ކަމަށް ބުނެ ލިޔުނު ޕޯސްޓުތަކުގައި ވަނީ ހަގީގީ ކުލަ ޖެހި އަދީބު ނައިބު ރައިސް ކަމަށް އައްޔަން ކުރައްވާފަ އެވެ.
އެހެންވެ ފާޑު ކިޔާމީހުން ވަނީ "ސައުދީ އަތޮޅު" ނަންވެސް މިއީ ހަގީގަތެއް އެކުލެވޭ ކަމަށް ވުން ގާތް ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް