ދިދަ ބޭނުން ކުރުމުގެ ހައްގު ނިގުޅައިގަތުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވޭ: އަދާލަތު

ދިވެހި ގައުމީ ދިދަ ރައްޔިތުން ބޭނުން ކުރުމުގެ ހައްގު ނިގުޅައި ގަތުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން  ވަނީ ގައުމީ ދިދަ ބޭނުން ...

11 Mar 2017 | 04:22

ދިވެހި ގައުމީ ދިދަ ރައްޔިތުން ބޭނުން ކުރުމުގެ ހައްގު ނިގުޅައި ގަތުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން  ވަނީ ގައުމީ ދިދަ ބޭނުން ކުރުމާއި ބެހޭ އުސޫލެއް ގެޒެޓުކޮށް އަމަލު ކުރަން ފަށާފައި އެވެ. އެ އުސޫލުގެ ދަށުން ފުލުހުން ވަނީ ހަމަ އެ ދުވަހު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި ނަގާފައިވާ ދިވެހި ދިދަ ނަގާފައި ނުބެހެއްޓޭނެކަމަށް އަންގައި، އެ ދިދަ ނަގަން އަންގާފައި އެވެ.

އަދާލަތުން ކުރި ޓުވީޓެއްގައި ބުނެފައވަނީ ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން ކަމަށެވެ. އެ ޕާޓިން ބުނީ ދިވެހި ދިދަ އަކީ ދައުލަތުގެ ރަމްޒެއް ކަމަށާއި ދައުލަތް  ނިސްބަތްވަނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ.

އެ ދިދަ ހެޔޮ  ގޮތުގައި ބޭނުން ކުރުމުގެ ހައްގު ނިގުޅައި ގަތުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް އަދާލަތުން ބުނެފައިވެ އެވެ.

އަދާލަތުގެ އިތުރުން އިދިކޮޅު ފަރާތްތަކާއި ރައީސް މައުމޫންވެސް ވަނީ ދިވެހި ދިދަ ބޭނުން ކުރުމާއި ބެހޭ އުސޫލެއް ސަރުކާރުން އާންމުކޮށްފައިވަނީ ގާނުނުތަކުން ލިބިދޭ ހައްގަކާއި ހިލާފަށް ކަމަށް ބުނެފައި އެވެ. އަދި އެ އުސޫލަކީ އަމަލު ކުރަން ފެށި އިރުވެސް ބާތިލް އުސޫލެއް ކަމަށް ބުނެފައިވެ އެވެ.

އެ އުސޫލުގައި ބުނެފައިވަނީ ގައުމީ ދިދަ ނަގަން ޖެހެނީ ދައުލަތުގެ މުއައްސާސަތާއި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކުގައި ކަމަށެވެ. ހުއްދަ ނުހޯދާ ދިވެހި ދިދަ ބޭނުން ކުރެވެނީ އާންމުކޮށް ބާއްވާ އެއްވުންތަކުގައި އާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގައި ދިވެހި އުޅަނދެއްކަން ދައްކައި ދިނުމުގެ ގޮތުންނެވެ. އަދި އާންމުކޮށް ބާއްވާ ގައުމީ ހަފްލާތަކުގައިވެސް ގައުމީ ދިދަ ބޭނުން ކުރުން ހުއްދަ އެވެ.

މި އސޫލުގެ ދަށުން 24 ގަޑިއިރު ދިދަ ނަގާފައި ބެހެއްޓެނީ ރައިސް އޮފިހާއި ރިޔާސީ ގަނޑުވަރާއި  ނައިބު ރައީސްގެ ގެކޮޅާއި، ސުޕްރީމް ކޯޓާއި، އެމްއެންޑީއެފާއި ފުލުހުންގެ އިދާރާގެ އިތުރުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކުގައި އެވެ. އަދި ދިވެހި ދިދައަށްވުރެ މައްޗަށް އެއްވެސް ދިދައެއް ނެގުން މަނަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް