ނާޒިމް އާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތްހެދުމުގެ ހަތަރު ދައުވާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނ...

11 Mar 2015 | 08:33

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތްހެދުމުގެ ހަތަރު ދައުވާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ފަނޑިޔާރުންގެ ބެންޗުން އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތައް އޮޅުންފިލުވުމެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާ އާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ދަށު ކޯޓުގެ މަރުހަލާގައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދިން ކަމަށާއި އެ މައްސަލާގައި ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާ ފަރާތްތަކަކީ ކުށުގެ އަސްލު އުފަންކުރުވި މީހުން ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މަކަރާއި ހީލަތްހެދުމުގެ ކުށުގެ އަމަލު ހިންގާފައި ވަނީ ނާޒިމް ސޮއިކުރައްވައި ހުއްދަދީގެން ނޫންކަން ތަހުގީގު ބަޔާންތަކުން އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އިސްތިއުނާފު މުއްދަތު ހަމަވާފަހުން ހުށަހެޅޭ މައްސަލަތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފެނިވަޑައިގެންފި ނަމަ ބަލައިގަނެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހެޅިފައި ވަނީ ގާނޫނީ އިމުގެތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، އޭނާ ހިންގެވި ނަމީރާ ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައިގެން ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ސަރުކާރުގެ ހަތަރު މަޝްރޫއުއެއް ކާމިޔާބުކުރި ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް