ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ފްރޭމްކުރެވިފައިވާކަން އެނގޭ ފަރާތްތަކުން އެކަން ހާމަކުރަން ފަސްނުޖެހުމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސެއިހް މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އިމްރާން މިހެން ވިދާޅުވެފައިވާއިރު ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ނާޒިމް އަކީ ދިމާވި ބޮޑެތި ކަންތައްތަކުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެއް ކަމަށާއި، އެއީ “ހީރޯ” އެއް ކަމަށެވެ.
ނާޒިމްގެ މައްސަލައިގާ ސަރުކާރާ ދެކޮޅަށް ތަފާތު ގިނަ ޓްވީޓްތަކެއް އިމްރާން ކުރައްވާފައިވާއިރު އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންނަން ނިންމާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ ސަރުކާރު އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާތީއާއި ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަގޮތުގައި ބޭނުންކޮށް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނިކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާ، ބާރުތައް އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް