ރަމަޟާން 1446: މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފަށާނީ 20 ގައި

ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުގެ ދަށުން މާލޭގައި މަސްދަޅު ކޭސް ބަހަން ފަށާނީ މި މަހުގެ...

11 Feb 2025 | 15:55

ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުގެ ދަށުން މާލޭގައި މަސްދަޅު ކޭސް ބަހަން ފަށާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގައި ކަމުގައި އެސްޓީއޯއިން ބުނެފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފައިވަނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން ކުރިއަށްގެންދާނީ 20 އިން 28 އަށް ކަމަށެވެ. ތާރީޚަށް ބަދަލެއް އަންނަނަމަ ދުރާލާ އަންގާނެކަމަށްވެސް ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސްދަޅު ކޭސްތައް ބަހަން ނިންމާފައިވާއިރު މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ފަސް ސަރަހައްދެއްގައި މަސްދަޅު ކޭސް ބެހުމަށް ވަނީ ނިންމާފައެވެ.

އެ ފަސް ސަރަހައްދަކީ:-

  • މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބައި
  • މިފްކޯ އޮފީސް ކޮމްޕައުންޑް
  • ވިލިމާލެ ކައުންސިލް އޮފީސް
  • ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އުމަރު ޒާހިރު ބިލްޑިންގް
  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރު

އެސްޓީއޯއިން މިއަދު ބުނެފައިވާގޮތުގައި ބަހަން ނިންމާފައިވަނީ 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެވެ.

މާލެ ސަރަހައްދަށް މަސްދަޅު ކޭސްތައް ބަހަން ފެށުން މި މަހުގެ 20 އަށް ތާވަލުކޮށްފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ވަނީ ބަހަންވެސް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް