ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރަން ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކަށް

ސްޓެލްކޯގެ މުވައްޒަފުންނަށް އެކި ދާއިރާތަކުން ތަމްރީނު ދިނުމުގެ މަސައްކަތް ދިވެހި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކުރުމަށް ނިންމައިފި އެވެ. މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސްޓެލްކޯގ...

11 Feb 2025 | 13:00

ސްޓެލްކޯގެ މުވައްޒަފުންނަށް އެކި ދާއިރާތަކުން ތަމްރީނު ދިނުމުގެ މަސައްކަތް ދިވެހި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކުރުމަށް ނިންމައިފި އެވެ.

މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރެވެ.

މި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ހިނގި ބައެއް ހާދިސާތަކާއި އިވެންޓްތަކުގައި ސްޓެލްކޯގެ މުވައްޒަފުން ރެސްކިއު އޮޕަރޭޝަންތަކުގައި ބައިވެރިވެ، މޫދަށް ވެއްޓުނު މީހަކު ސަލާމަތްކުރުމުގެ އިތުރުން، ސްޓެލްކޯގެ އިމާރާތްތަކަށް ވަންނަން މަސައްކަތްކުރި ވައްކަން ވެރިންނާވެސް ކުރިމަތިލާފައިވެއެވެ.

"އަޅުގަނޑުމެން ދިރާސާކޮށް ބެލިއިރު، މި ކަންކަމުގައި އިސްނެގި މުވައްޒަފުންނަކީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މުވައްޒަފުންތޯ ބެލިން. އަދި އެ ތަމްރީނުގެ ފައިދާ ލިބިފައިވޭތޯއާއި، މިފަދަ ހާލަތްތަކުގައި އިސްނަގަން ކެރުނީ ކީއްވެތޯވެސް ބެލިން. ފާހަގަކޮށްލަން ބޭނުންވަނީ، މި ހުރިހާ މުވައްޒަފުންނަކީވެސް އެމްއެންޑީއެފްގެ ބޭފުޅުން އަޅުގަނޑުމެންނަށް ހިންގައިދެއްވި ލީޑަޝިޕް ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ބޭފުޅުން," ފަހުމީ ވިދާޅުވިއެވެ.

"މި ތަމްރީނު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލުގައާއި، ޤައުމީ ޚިދުމަތުގައި އަދި އަމިއްލަ އާއިލީ ދިރިއުޅުމުގައިވެސް މަންފާކުރަނިވި، ފައިދާހުރި ޕްރޮގްރާމެއްކަން ފާހަގަކުރަން" މިފަދައިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ފަރުހާދު ފާހަގަކުރެއްވި ގޮތުގައި، މެނޭޖިންގ ޑިރެކްޓަރުގެ އިސްނެންގެވުމާއި މޮޓޯގެ ދަށުން، ކުންފުނިން މަސައްކަތް ކުރަމުންދަނީ އިޚްލާޞްތެރި، ވަފާތެރި، މަސައްކަތްތެރި، ހިތްވަރުގަދަ، އަޒުމް ވަރުގަދަ އަދި އެކުވެރި މާހައުލެއް ޤާއިމްކުރުމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުންފުނީގެ ތަޞައްވުރާއި، މިޝަނާއި، އަދި ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ޤާބިލު ޓީމެއް އުފެއްދުން" ކަމަށް ފަރުހާދު ވިދާޅުވިއެވެ.

ސިފައިންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް މިހާތަނަށް ވަނީ ސްޓެލްކޯގެ 668 މުވައްޒަފުން ފުރިހަމަކޮށްފައެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ އެންމެހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަކުރުމަށް ވަނީ ރޭވިފައިކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުންނަށް ސިވެކްގެ އެހީގައި ހިންގުމަށް އެއްބަސްވެފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރޭގައި އަސާސީ ފަސްޓް އެއިޑް، އަލިފާނުގެ ހާދިސާތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުން، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ މުވައްޒަފުންގެ ތަމްރީނު، ފެތުމާއި ސަލާމަތްކުރުމުގެ ތަމްރީނު، އަދި ލައިފް ކޯޗިންގ ހިމެނެއެވެ.

މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން ސިވެކްއިން އަލިފާނުގެ ހާދިސާއެއް ދިމާވުމުން އިމާރާތް ހުސްކުރުމުގެ ޑްރިލްތައް ބޭއްވުމުގައި އެހީތެރިވުމާއި، އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވުމުގެ ނިޒާމުތައް ބެލެހެއްޓުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަންވެސް ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް