''މިހާ މީރުކޮށް ކައްކާ، މަސްފިހެފައި ހުއްޓަވިއްޔަ މިއަދު މެންދުރު، މިގެޔާ ހަމައަށް އައިސް ނޫރާ ބާލާފަ، ނުވެސް ވަދެ ތި ދިޔައީ........'' ޒަރީނާ ލަޔާލްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެވަގުތު ލަޔާލްއާ ނޫރާއަށްވެސް ، އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ލަޔާލް ނޫރާ ގޮވަގެން ގެއަށް ގެނެސްދޭން ނާންނަކަން ބޮޑުދައިތަށް ނޭގިއޮތްކަމީ ލަޔާލްވެސް ބޭނުންވިގޮތެވެ.
''ބޮޑުދައިތަ ކައްކާ މީރު އެއްޗިހީގެ ރަހަދައްކާލަން ރައްޓެއްސަކުވެސް ގޮވައިގެން މިއައީ...............'' ލަޔާލް ނިކަން ހަމަޖެހިލަމުން ބުނެލިއެވެ.
ލަޔާލް ބުނި ޖުމުލަ އަޑުއިވުމާއެކު، ތައްޓަށް ފެންއަޅަން ހުރި ނޫރާއަށް ހުއްޓުން އެރިއެވެ.
''އެހެންތަ....... ތިޔަކަން އެނގުނަމަ އަދި ފޮނިއެއްޗެއްވެސް އިތުރުކޮއްލީމުސް.........'' ޒަރީނާގެ މޫނުމަތިން ފެންނަންހުރީ ހިތްހެޔޮ ކަމާ އޯގާވެރިކަމެވެ.
''ފޮނި އެއްޗެއް ނެތަސް އެންމެރަނގަޅޭ........ ބޮޑުދައްތަ ކައްކައިފިއްޔާ ހަމަ ކޮންމެ އެއްޗެއްވެސް އެހާ މީރުވާނެ........'' ލަޔާލް ބަދިގެއިން ބޭރަށް ބޯދިއްކޮއްލިއެވެ. ހީވަނީ ބޭރުގަ ހުރި މީހަކަށް އިޝާރާތް ކޮއްލީހެނެވެ.
''ބޮޑުދައިތާ........... މީ ހަމްޒާ....... އަހަރެންގެ ވަރަށް ގާތް ފްރެންޑެއް......... '' ލަޔާލް އެއްފަރާތަކަށް ޖެހިލަމުން، އޭނާގެ ފަހަތުގައި ހުރި ހަމްޒާ ތައާރަފް ކޮށްދިނެވެ.
ލަޔާލްއާ އެކު ހަމްޒާ އެގެޔަށް އަތުވެދާނެ ކަމަކަށް ނޫރާއަށް ހީކުރެވިފައިވެސް ނެތެވެ. ލަޔާލް އެގޮތަށް ކަންތައް އެ ކުރަނީ ކީއްވެބާއެވެ. މިއަދުވެސް ލަޔާލް ހެދީ ހަމަ އެކަހަލަ ގޮތެކެވެ. ނޫރާއަށް އޮޅުވާލީއެވެ. ހަމްޒާ ލައްވާ ނޫރާ ގެޔަށް ގެނައުމަކީ ލަޔާލްއަށް ނޭނގި ވީކަމެއް ކަމަށް ކުރިން ނޫރާއަށް ޤަބޫލު ކުރެވިފައި އޮތަސް، މިހާރު ނޫރާއަށް ގަބޫލު ކުރެވެނީ އެހެން ގޮތަކަށެވެ.
ލަޔާލްއާއެކު ހަމްޒާވެސް ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ. ހަމްޒާ އިށީނީ ނޫރާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ނޫރާ ފެންނަގޮތަށެވެ. މޭޒުކައިރީގައި ކޮޅަށް ހުރި ނޫރާ އަވަސްއަވަހަށް ފަހަތަށް އެބުރުނެވެ. ހަމްޒާއަށް ފުރަގަސްދިނުމަށްފަހު އައިސްއަލަމާރި ކައިރިއަށް އޭނާ ޖެހިލިއެވެ. އަލަމާރި ނޫރާއަށް ވުރެ ދިގު ވުމަކީ ނޫރާގެ ނަސީބޭ ހިތަށްއެރިއެވެ. އޭގެ ދޮރުފަތް ހުޅުވާލުމުން ނޫރާ ހަމްޒާގެ ނަޒަރުން ސަލާމަތް ވެއްޖެއެވެ. އަލަމާރި ތެރެއަށް ގުދުވެގެން އެކި އެއްޗިހީގައި ކޮއްޓާލަކޮއްޓާލަ ނޫރާ އެހުރީ އޮބި ނޯންނަވަރަށް ތެޅިފޮޅެމުންދާ ހިތަކާއެކުގައެވެ.
'' ކޮބާ ރަޝީދުބެ.........'' ތައްޓަށް ބަތް އަޅަމުން ލަޔާލް ސުވާލުކޮއްލީ ކައިރީގައި ހުރި އޭނާގެ ބޮޑުދައިތައާއެވެ. އާއްމުކޮށް ކާ ގަޑިތަކުގައި އެގޭ އެންމެން ކަނީ އެކުގައި، އެއްސުފުރާމަތިންކަން ލަޔާލަށް އެނގެއެވެ.
''ޖެހިގެންހުރިގޭ އާދަމްބެއާއެކު ފަރުމަހަށްގޮސްވީ........ ފަރުމަސްވެސް ނިކަން އަގުބޮޑެއްނު މިހާރު ......... އެހެންވެ ފިހެލަން މަހެއް ލިބޭތޯ އެދިޔައީ.........ރަޝީދުބޭ މިހާރު ދޭތެރެ ދޭތެރެއިން ފަރުމަހަށް ދޭ ........ އެކުން އެވަރަކުން ދަނީ ނޫރާއަށްވެސް ފަރުމަސް މީރުވީމަ.........'' ރިހަބޯތަށި ލަޔާލްއާ ކައިރިއަށް ޖައްސާލަމުން ޒަރީނާ ބުނެލިއެވެ.
ރަޝީދުބޭ މަހަށް ދިޔަކަން ލަޔާލްއަށް ނޭނގޭކަމަށް ހެދިޔަސް، އެކަން މާކުރިން ލަޔާލްއަށް އޮތީ އެނގިފައެވެ. ރަޝީދުބޭ މަހަށްދާން ފުރިއިރުވެސް ލަޔާލްމެން ތިބީ ބަނދަރުމަތީގައެވެ.
''ދަރިފުޅު ކީއްތަ ތިޔަ ކުރަނީ؟........އާދޭ ޖޫސްއަޅާދޭން.........'' ޒަރީނާ ހީކުރީ ނޫރާ އައިސްއަލަމާރި ކައިރިއަށް ދިޔައީ ޖޫސްފުޅި ނަގަންކަމަށެވެ.
ނޫރާ ހުރީ އެތަނުން ނުކުނަން ބޭނުންވެފައެވެ. އެހެންނަމަވެސް އެހެންވެސް ހެދޭކަށް ނެތެވެ. ލަޔާލް އަންނަ ވާހަކަ ބުނެގެން ކާން ހަދަންބޭނުންވީވެސް ނޫރާއެވެ. ވީއިރު އެތަނުން ނުކުންނަން ދަންކާނެ އެއްވެސް ބަހަނާއެއް ނޫރާއަކަށް ނުވިސްނުނެވެ. ހަމްޒާގެ ކުރިމައްޗަށް އަރާކަށް ވެސް ނޫރާއަކަށް ފަސޭހައެއް ނޫނެވެ. އަދި އަމުދުން މިހާރު ނޫރާ ލައިގެން އެހުރި ހެދުމުގެ ސަބަބުން ނޫރާ ހުރީ ލަދުގެންފައެވެ. ނުދަންނަ ފިރިހެނެއްގެ ކުރިމައްޗަށް އަރަންކެރޭ ކަހަލަ ހެދުމެއް ނޫންކަން ހިތަށް އަރާފައި ނޫރާ ހުރީ އިންތިހާއަށް ކަންބޮޑުވެފައިވެސްމެއެވެ. އެހެދުމަކީ މާ ގަޔަށް ބާރު ހެދުމަކަށް ނުވިޔަސް، ދޫކޮށް އަބާޔާލާތީ ނޫރާއަށް އުނދަގޫ އިހްސާސެއް ކުރެވެމުންދަނީއެވެ. އެ ހެދުމުގައި ހަމްޒާގެ ކުރިމައްޗަށް އަރަން އޭނާއަށް ފަސްޖެހެވެނީއެވެ.
''ކޮބާ ޖޫސް.......... ހަމްޒާ އަކީ ޖޫހާ ނުލާ ކެވޭ މީހެއް ނޫން އިނގޭ........'' ލަޔާލް ފަހަތަށް އެނބުރި ނޫރާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
ނޫރާއަށް ޖޫސް އަޅައިދޭން މަޖުބޫރުވީއެވެ. ގަނޑުފެންފޮދެއްހާ ފިނިވެފައިވާ ނޫރާގެ އިނގިތައް ތުރުތުރު އަޅާވަރުން ޖޫސްފުޅީގެ މަތިވެސް ނެގުނީ އެތައް އިރަކުންނެވެ.
ހަމްޒާގެ ނަޒަރުން ރެކެން ނޫރާ ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ހަމްޒާގެ ދެލޯ އަމާޒުވެފައި ވަނީ ނޫރާގެ މޫނަށެވެ. އެކަމުގައި ހަމްޒާގެ އެއްވެސް އިޚްތިޔާރެއް ނެތްކަހަލައެވެ.
މަޑު މުށިކުލައިގެ ބުރުގާ ސަބަބުން ނޫރާގެ މޫނު އިހުނަށްވުރެ ރީތިކަމުގައި ހަމްޒާއަށް ޤަބޫލުކުރެވުނެވެ. ދިގު އެސްފިޔަތަކާ، ހިމަހިމަ ބުމައިން އެ ދޮން މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އިސްޖަހާލައިގެން ހުރެ ތައްޓަށް ޖޫސް އަޅަމުން ދިޔައިރު، ހަމްޒާގެ ހަރަކާތްވަނީ ހުއްޓިފައެވެ. އޭނާ އެއިނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ކަހަލައެވެ. އަތަށްނެގި ރޮށި، މަޑުމަޑުން ފަހަރަކު ތަންކޮޅެއް ވީދަމުން ތައްޓަށް އަޅަމުން ދިޔަ އަތުގެ ހަރަކާތްވަނީ ހުއްޓިފައެވެ. ހީވަނީ ބަލަމުންދާ މަންޒަރެއް ޕޯސްކޮށްލާފައި ހުރިހެނެވެ.
ލަޔާލްއަށް މިމަންޒަރު ފެނުމާއެކު ލާނެއް ފާޑަކަށް ހެވުނެވެ.
''އެކޮއި ތެލުލިފަތް ބޭނުންތަ.........މި ވަރަށް މީރުވާނެ..........'' ޒަރީނާ ފަތްދަޅު ގެނެސް މޭޒުމަތީގައި ބަހައްޓަމުން އޭގެ މަތިނެގިއެވެ. ހަމްޒާއަށް ލިބުނު ސިހުމުގައި ނޫރާގެ މޫނުން އޭނާގެ ނަޒަރު ވަކިކޮށްލަން މަޖުބޫރުވީއެވެ.
ލަޔާލްގެ ތައްޓަށް ޖޫސް އަޅައިދިނުމަށްފަހު ނޫރާ ބަލާލީ ހަމްޒާގެ ނުހަނުގާތުގައި ހުރި ތައްޓަށެވެ. ނޫރާ ބޭނުންވީ ހަމްޒާގެ ކައިރީގައި ހުރި ތަށި ނޫރާގެ ކައިރިއަށް ދަމާލާށެވެ. އޭރުން ހަމްޒާއާ އެހާ ކައިރި ނުވެ ޖޫސްފޮދު ތައްޓަށް އަޅާލެވޭނެތީއެވެ.
ނޫރާ ދަމާލި އަތް ދިއްކޮއްލި ވަގުތު ހަމްޒާ އެ ތަށި އަދިވެސް ބޮޑަށް އޭނާގެ ކައިރިއަށް ދަމާލިއެވެ. ނޫރާއަށް ލިބުނީ ސިހުމެކެވެ. ލަދުވެސް ގަތެވެ. ލަޔާލް ހަމަ ދެނެހުރިކަމަށް ހަދާނުލާ އިނދެ ކަމުން ގެންދެއެވެ.
ވަގުތަކީ ޒަރީނާ ބަދިގެއިން ބޭރަށް ނިކުތް ވަގުތެކެވެ. ވަގުތުގެ ބޭނުން ހިފަން ހަމްޒާ ބޭނުންވިއެވެ.
''ޖޫސް އަޅާއެއް ނުދޭނަންތަ؟..........'' ހަމްޒާ އިނީ ނޫރާގެ މޫނަށް ބަލާށެވެ.
''ހަމްޒާ އެވަރަށް ބުނާއިރުވެސް ނޫރާ ހަމަ ތިހުންނަނީ............ހަމްޒާއަށް އެނގޭތަ....... ނޫރާ ވަރަށް ބޯހަރުވާނެ ........'' ލަޔާލް ނޫރާގެ އަތުގައި އުޅަބޮށިން ޖަހާލަމުން ސަމާސަ ކޮއްލިއެވެ.
ނޫރާ ހަމަ ހުރިގޮތަށް ހުންނަންފެށުމުން އެންމެފަހުން ހަމްޒާ ތަށި ކައިރިކޮށްދީފިއެވެ. ނޫރާ އެތައްޓަށް ޖޫސްއަޅައިދީފިއެވެ. ހަމްޒާގެ ކައިރިއަށް ތަށި ޖައްސާލަން، ތަށީގައި ހިފިވަގުތު ހަމްޒާވެސް ތަށީގައި ހިފަން އަތް ދިއްކޮށްލިއެވެ. ކަންދިމާކުރިގޮތުން ހަމްޒާއަށް ތަށީގައި ހިފުނީ ނޫރާގެ އަތާވެސްއެކުގައެވެ. ނޫރާގެ ފިނިފިނި އިނގިލިތަކުގައި ހަމްޒާގެ ހޫނު އިނގިލިތަކުން ހިފާލެވުމުން، ނޫރާއަށް ބަލާލެވުނީ ހަމްޒާގެ މޫނަށެވެ. މިއީ އެހާކައިރިން ހަމްޒާގެ މޫނު ފެނުނު ފުރަތަމަ ފަހަރެވެ. ނޫރާގެ ހިތަށް ކުރިން ނުވާޒާތުގެ ގޮތްތަކެއް ވެއްޖެކަން ކަށަވަރެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވިވަގުތު، ބުނެދޭން ނޭނގޭ އިހްސާސެއް ނޫރާއަށް ކުރެވިއްޖެ ކަން ޔަޤީނެވެ. ކިތަންމެ ނޫން ކަމަށް ހެދިޔަސް، ހަމްޒާގެ ލޮލުން ދިން އެތަކެއް މެސެޖެއް ނޫރާގެ ހިތާ ކުޅެލައިފިއެވެ. އެ ހިތުގައި މީގެ ކުރިން އުފަންވެފައި ނުވާ އިޙްސާސެއް އުފަން ކުރުވައިފިކަން ޔަޤީނެވެ. ނޫނީ މީގެ ކުރިންވެސް އެހިތުގައި ވާ އިހްސާސަކަށް ދިރުންއައީއެވެ.
''ސޮރީ.........'' ހަމްޒާ މަޑުމަޑުން ނޫރާގެ އިނގިލިތަކަށް ފިތާލުމަށްފަހު ލޯމަރާލިއެވެ. އަދި ދެވަނަ ސިކުންތުގައި އެ އަތުން ދޫކޮއްލިއެވެ.
ނޫރާއަށް ހަމަ އެހުރިގޮތަށް ހުރެވުނީއެވެ. އޭނާ އެހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ގަނޑުވެފައެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު، ހަމްޒާގެ މޫނުން ނޫރާގެ ނަޒަރު އެއްފަރާތް ކޮއްލަމުން އިސްޖަހާލިއެވެ. ޖޫސްތަށި އެހުރިތަނުގައި ބެހެއްޓުމަށްފަހު އަވަސް އަވަހަށް ދޮރާދިމާއަށް ހިނގައިގަތެވެ.
''ނޫރާ........ އާދެބަލަ........'' ނޫރާގެ ފިޔަވަޅުތައް ހުއްޓުނީ ލަޔާލް ގޮވާލުމުންނެވެ. ބަސްއަހާ ކުޑަކުއްޖަކުފަދައިން ނޫރާ އެނބުރި ގޮސް ކާމޭޒުކައިރީ ހުއްޓުނެވެ.
''ކޮބާ ހަމްޒާގެ އައިޑީކާޑު........ ހަމްޒާއަށް ނުފުރިފަ އެހުރީ އެ ކާޑު ނެތިގެން........'' ލަޔާލް މަޑުމަޑުން ބުނެލިއެވެ. ނޫރާ ސިއްރު ސިއްރުން އޭނާ ލައިގެން ހުރި ޖީންސް ޖީބުން ހަމްޒާގެ ކާޑު ނަގައިފިއެވެ.
''މިއޮތީ........'' ލަޔާލް ކައިރީ މޭޒުމަތީގައި ކާޑު ބާއްވާލަމުން، ބޭއިޚްތިޔާރުގައި ނޫރާއަށް ބަލާލެވުނީ ހަމްޒާގެ މޫނަށެވެ. ހަމްޒާ އިނީ ކާށެވެ. އޭނާ ކަނީ އުލުންނެވެ. ބަލާބެލުމަށް ހީވަނީ ވަރަށް މީރުކޮށް ކާހެނެވެ.
''އަމާނާތްތެރިކަމާއެކު އަހަރެންގެ ކާޑު ހަވާލުކޮށްދިނީމަ ވަރަށް ބޮޑަށް ތޭންކްސް......'' ހަމްޒާ ވެސް އިސްއުފުލާލަމުން ނޫރާގެ މޫނަށް ބަލާލިއެވެ. ޝުކުރުވެރިކަމާއެކު އޭނާ ހިނިތުންވެއެލިއެވެ.
ނޫރާ އަށް ހަމްޒާގެ މޫނުން ނަޒަރު ވަކިކޮށްލަން އުނދަގޫވެއްޖެއެވެ. ރީތި ފިރިހެންވަންތަ މޫނެކެވެ. މާ ދޮން ނޫނަސް ހަމްޒާއަކީ ރީތި ޒުވާނެކެވެ. ނޫރާއަށް ސިއްރު ސިއްރުންވެސް ބެލެނީ ހަމްޒާއާ ދިމާލަށެވެ.
''ހަމްޒާ މާދަމާ ހެނދުނު ފުރާނެ..........'' ލަޔާލް ކައި ނިމިގެން އަތްދޮނަން ސިންކުކައިރިއަށް ޖެހިލަމުން ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 13 ފެބްރުއަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް