ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ނިމުނު ޑިސެންބަރު މަހާ އަޅާބަލާއިރު %5 އިން އިތުރުވެއްޖެއެވެ.
އެގޮތުން ޖަނަވަރީ މަސް ނިމުނު އިރު ރިޒާވްގައި ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޫބަރު 2024ގައި ރިޒޯޓުތަކަށް ލިބުނު އާމްދަނީ އިން 50 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް މިހާތަނަށް ބޭންކުތަކަށް ވަނީ މާރުކޮށްފައެވެ.
ބޭރުފައިސާގެ ރިޒާވް އިތުރުވި މައިގަނޑު ސަބަބެއްކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވަނީ ޖަނަވަރީ މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށްވުރެ ލިބުނު އަދަދު އިތުރުވުމާއި ރިޒޯޓުތަކުން ބޭންކުތަކަށް ބޭރުފައިސާ މާރުކުރުމެވެ. އަދި ބޭރުފައިސާގެ ރިޒާވް އިތުރުވި ބައެއް އެހެން ސަބަބުތަކުގެ ތެރޭގައި ޓެކުހާއި ފީގެ ގޮތުގައި ޑިސެންބަރު މަހު ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު އިތުރުވުން ވެސް ހިމެނޭކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
ފާއިތުވި 2024 ވަނަ އަހަރު އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ބޭރުފައިސާ ހިފެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން ބޭރުފައިސާގެ އާ ގަވާއިދެއް އެކުލަވައިލައި ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބޭރުފައިސާ ބޭންކަށް މާރުކުރުމަށް ގަވާއިދުގައި އެކުލަވާލައިފައިވެއެވެ. އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި %90 ރިޒޯޓުތަކުން ވަނީ މި ގަވާއިދާ އެއްގޮތަށް އޮކްޓޫބަރު މަހުގައި ލިބުނު ބޭރުފައިސާގެ އާމްދަނީ ބޭންކުތަކަށް މާރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް