އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު ފަށައިފި

އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު ގއ. ގެމަނަފުށީގައި މިއަދު ފަށައިފިއެވެ. އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމް ގއ. ގެމަނަފުށީގައި ފަށާފައިވާއިރު އެ ޕްރޮގްރާމްގައި 77 އިމާމުން ބައ...

11 Feb 2024 | 13:17

އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު ގއ. ގެމަނަފުށީގައި މިއަދު ފަށައިފިއެވެ.

އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމް ގއ. ގެމަނަފުށީގައި ފަށާފައިވާއިރު އެ ޕްރޮގްރާމްގައި 77 އިމާމުން ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޕްރޮގްރާމެކެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއް އަހަރު ތެރޭގައި 700 އިމާމުން ތާޒާކޮށް ނިމޭނެކަމަށެވެ. އަދި އިމާމުންނަށް ސައުދީ، މިސްރު، މެލޭޝިއާ، ބްރުނާއި އަދި މޮރޮކޯ އިންވެސް ތަމްރީން ޕްރޮގްރާމްގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އިމާމުންނަށް މާސްޓަރ އަދި ޕީއެޗްޑީ އަށް ސްކޮލަރޝިޕްވެސް ދެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށާއި، ނަމަވެސް އެހެން ފޮނުވާ އިމާމުން އަނބުރާ ރާއްޖެ އަންނަން ޖެހޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރު ނިމޭއިރު މުޅި ރާއްޖޭގެ އިމާމުން މިމަޝްރޫޢުގެ ދަށުން ތާޒާކޮށް ނިންމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ އިމާމުންނަށް ތަރުބިއްޔަތާއި ތަމްރީނު ދިނުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. އެގޮތުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް މިމަހުގެ ތެރޭގައި މައްކާއަށްވެސް އިމާމުންގެ ޓީމެއް ފުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް