މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކުލަވާލާފައިވާ ނެޝަނަލް މެޑިސިން ޕޮލިސީ އާއްމުކޮށްފި

ރައްޔިތުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުލަވާލާފައިވާ ނެޝަނަލް މެޑިސިން ޕޮލިސީ މިއަދު އާއްމުކޮށްފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޮލިސީ އާއްމުކޮށ...

11 Feb 2024 | 12:38

ރައްޔިތުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުލަވާލާފައިވާ ނެޝަނަލް މެޑިސިން ޕޮލިސީ މިއަދު އާއްމުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޮލިސީ އާއްމުކޮށްދެއްވީ ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ޚަލީލު ވިދާޅުވީ އައު ޕޮލިސީގެ ދަށުން ބޭސް ގަންނަން މިހާރު ހުށަހަޅަންޖެހޭނީ ދެ ޑޮކިއުމަންޓް އަދި ބޭހުގެ ސާމްޕަލް އެކަނި ކަމަށާއި، ޑޮކިއުމަންޓް ހުށަހަޅާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

ޚަލީލް ވިދާޅުވީ ބްލަކް ޕްރޮކިއުމަންޓް ނިޒާމެއް ޤާއިމްކުރެވި، ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ބޭސް އެތެރެކުރެވި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެޔޮއަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޓެސްޓިންގ ކެޕޭސިޓީ މިހާރަށްވުރެ ވަރުގަދަކޮށް ޓެކްނީޝަނުން އިތުރުކުރާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޚަލީލް ވަނީ ބޭސް ގެންނަ ފަރާތްތަކުން ބޭސް ރައްކާކުރަނީ އެންމެ ރައްކާތެރި ޓެމްޕަރޭޗަރ އަދި އެކަށީގެންވާ ތަނެއްގައިތޯ ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ޕޮލިސީގައި ބޭސް ރަޖިސްޓްރީކުރުމުގައި ލުއި ފަސޭހަތައް ދިނުމާއި، ގަނޑުކޮށް ބޭސް އިމްޕޯޓް ކުރެވޭނެ ގޮތް ހިމެނިފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ރާއްޖެ ފަދަ ވަސީލަތްތައް މަދު ޤައުމެއްގައި ބޭހުގެ ފެންވަރާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި އެކި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި އަމަލުކުރާނެ ގޮތްވެސް މި ޕޮލިސީގައި ބަޔާންކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ޕޮލިސީއަކީ ކޮންމެ 5 އަހަރަކުން އެއް ފަހަރު އެކުލަވާލާ އާކުރަމުންދާ ޕޮލިސީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް