ރ.އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އިތުރު ތިން ހެކްޓަރު ހިއްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ރ.އުނގޫފާރަށް ނިސްބަތްވާ އަހުމަދު ޝިޔާމް، އެރަށު ބިން ހިއްކުމުގެ ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާމެދު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ޝިޔާމްގެ ސުވާލުގައި ފާހަގަކޮށްފައިވަނީ އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ނަމަވެސް، ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމުން، އެކަމާ ގުޅިގެން ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާފުޅާ އެއްގޮތަށް އުނގޫފާރު ފަޅު ތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަވާނެ ކަމަށެވެ. އެގޮތުން މިހާރު ސްކޯޕްގައި އޮތްވަރުގެ އިތުރުން ތިން ހެކްޓަރު ހިއްކުމުން، ފަޅު ތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު 2021 ވަނަ އަހަރު ހަވާލުކުރި ނަމަވެސް، އެމްޓީސީސީން އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަސް ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް