ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިހަވަންދޫ ދާއިރާގެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރު މުޙައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ތިން މެމްބަރުންނެވެ. ބިލު ފާސްކުރަން ބޭނުންވަނީ 25 މެމްބަރުންގެ ވޯޓެވެ.
އެ ބިލު ފާސްކުރެއްވުމަށް ސަރުކާރުގެ ގިނަ މެމްބަރުން ވޯޓު ދެއްވާފައި ނުވާއިރު، އެ އިސްލާހު ބަލައިގަތުމަށްވެސް ސަރުކާރުގެ މެމްބަރުން ވޯޓެއް ނުދެއްވައެވެ.
އިންތިހާބު ބާއްވާ ތާރީހަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށާއި، އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން ކަމަށެވެ.
ބިލުގެ ކޮމިޓީ ބައްދަލުވުމަށް މީގެ ކުރިން ހާޒިރުވެ އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބު ވަނީ ހަ ރޯދަ ނިމެންދެން މަޑުނުކޮށް އިންތިހާބު ބޭއްވުމަށް އެދިވަޑައިގެންފައެވެ. ހަބީބު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ، ވޯޓު ގުނުމަށްފަހު ދާއިމާ ނަތީޖާ އިއުލާންކުރުމާއި، އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރު ވާނެ ކަމަށެވެ.
މަޖިލީހުގެ ހިނގަމުންދާ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލީހަށް އާ މެމްބަރުން އިންތިހާބުކޮށް ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އޭޕްރިލް 21 ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމާއި އިންތިހާބާއި ގުޅޭ ހުރިހާ ކަމެއް ނިންމަން ލިބޭނީ އެންމެ ހަ ދުވަސް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ތާރީހަކީ 17 މާޗް 2024 އެވެ. އެ ތާރީހް ރޯދަ މަހާ ދިމާވުމުން ވޯޓުލާން ދާނެ މީހުން މަދުވާނެކަމުގެ ކަންބޮޑުވުން ސިޔާސީ ޕާޓީތަކުން ވެސް އީސީއަށް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް