ދައުލަތަށް ލިބެންޖެހޭ 7.8 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މީރާއިން ހާމަކޮށްފި

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 7.8 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރު...

11 Feb 2024 | 08:39

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 7.8 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ އަހަރުގެ ނިޔަލަށް ޓެކްސްއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް ލިބެންޖެހޭ 7.8 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އޭގެ ތެރެއިން 4.8 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. އަދި 2.9 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާއެވެ.

މީރާއިން ހާމަކުރި ރިޕޯޓުން ދައްކާ ގޮތުން، ޓެކްސްގެ ގޮތުގައި ނުލިބި ހުރު 4.8 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ އިންކަމް ޓެކްސްގެ 790 މިލިއަން ރުފިޔާއާއި، ޓީ.ޖީ.އެސް.ޓީގެ 1.1 މިލިއަން ރުފިޔާއާއި، ޖީ.ޖީ.އެސް.ޓީގެ 2.2 ބިލިއަން ރުފިޔާއާއި، އެހެނިހެން ޓެކްސްގެ 771 މިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ނުލިބި ހުރި 2.9 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ ކުލީގެ 2.8 ބިލިއަން ރުފިޔާއާއި އެހެނިހެން އާމްދަނީގެ 165 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ނުލިބި ހުރި 1.4 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާގެ 1.3 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީން ނުލިބި ހުރި ފައިސާގެ 109 މިލިއަން ރުފިޔާއެވެ.

ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ވެސް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި ކަމަށް މީރާއިން ބުންޏެވެ. ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް، ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅަމުން އަންނަ އިރު، އެ މަސައްކަތުގެ ތެރެއިން މިދިޔަ ކުއާޓަރުގައި 803.9 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން ބުނީ ހަތަރު ވަނަ ކުއާޓަރުގައި 2290 މައްސަލައެއްގައި ޖޫރިމަނާ މާފުކޮށްދީފައިވާއިރު، މާފުކޮށްދިން ޖޫރިމަނާގެ އަދަދު 36،7 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް