ފްލެޓް ލިބުނު މީހުންގެ ލިސްޓް ބާތިލެއް ނުކުރަން: ހައުސިންގ މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު ބާތިލުނުކުރާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓް ލިސްޓުގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫ...

11 Feb 2024 | 07:53

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު ބާތިލުނުކުރާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓް ލިސްޓުގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފްލްޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކޮށް ބެލިބެލުމުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައި ނުވާ ފޯމުތަކުގެ ލިސްޓެއް މި މަހުގެ 8 ވަނަ ދުވަހުގެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ލިސްޓަކީ ތަހުގީގު ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމްތައް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓްތަކަށް ކުރިމަތިލި ބައެއް މީހުންގެ ގޭގެއަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހައުސިންގ މިނިސްޓްރީން ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބަލާފައިވާކަމަށެވެ. ނަމަވެސް ބައެއް ގެތަކަށް ގޮސް ހާލަތު ބަލާފައި ނުވާކަމުގެ ޝަކުވާ ލިބިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭސީސީން ހިންގި ތަހުގީގަށް ފަހު ހައުސިންގ މިނިސްޓްރީއަށް ލަފާދީފައިވަނީ ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.

އޭސީސީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތަހުގީގުގައި 4,048 ފޯމު ބަލާފައިވާކަމަށާއި އޭގެ ތެރެއިން %59.6 ފޯމު ޝަރުތުހަމަނުވާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމު ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ފޯމުގައި ދީފައިވާ މައުލޫމާތު ފުށުއެރުމާއި، ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުންތައް ހުށަހެޅުމާއި، ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ޚިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ފަސޭހައިން ހޯދެން ހުރި މައުލޫމާތުވެސް ނުހޯދައި ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް އޭސީސީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގައި 3 ކޮޓަރީގެ 2,712 އެޕާޓްމަންޓާއި 2 ކޮޓަރީގެ 1,188 އެޕާޓްމަންޓް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް