ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި އަތޮޅު ކައުންސިލެއްގެ ރައީސްކަން ފުރަތަމަ ފަހަރަށް އަންހެނަކު ކާމިޔާބު ކުރައްވައިފިއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި ފ.އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ފ.ނިލަންދޫ، ފޮނިލުނބޯގެ ހައްވަ އަބްދުއްއަޒީޒެވެ.
މި އިންތިޚާބު ހައްވަ ކާމިޔާބު ކުރައްވާފައިވަނީ 941 ވޯޓުންނެވެ. ހައްވައާ ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޚަލީލް އަށް ލިބިވަޑައިގެންނެވީ 888 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ވ.ފެލިދޫ ކައުންސިލްގެ ރައީސް އަދި ރ.ރަސްގެތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް ބާއްވާފައެވެ. ވ.ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީން ވާދަކުރެއްވި ހުސެއިން ވިސާމު ކާމިޔާބު ކުރެއްވިއިރު، ރ.ރަސްގެތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހައްވަ އަލީއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މާލެއާއެކު ޖުމްލަ 8 ރަށެއްގައި ކުރިއަށްގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް