ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް ތިންވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ޙަސީނާ ދިޔައީ ހުމޭދާ ކޮބައިތޯ ބަލާލުމަށްޓަކައި ހުމޭދާގެ ކޮޓަރިއަށެވެ. ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޙަސީނާ ދިޔައީން ސިއްސައިގެންނެވެ. ހުމޭދާ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓ...

11 Feb 2024 | 06:54

ކުރީގެ އަދަދާއި ގުޅޭ...

ޙަސީނާ ދިޔައީ ހުމޭދާ ކޮބައިތޯ ބަލާލުމަށްޓަކައި ހުމޭދާގެ ކޮޓަރިއަށެވެ. ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޙަސީނާ ދިޔައީން ސިއްސައިގެންނެވެ. ހުމޭދާ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. ބަނޑުގަ އަތް އަޅައިގެން ތެޅި ފޮޅެނީއެވެ.

"ދަރިފުޅާ...! ކިހިނެތްވަނީ....؟ މަގޭ ދަރިފުޅާ..." ޙަސީނާ ދުވެފައި ކަހަލަ ގޮތަށް އައިސް ބިންމަތީގައި ހުމޭދާ ގާތުގައި އިށީނނެވެ.

"މަންމާ....! މަންމާ...!." ހުމޭދާ ރޮމުން ރޮމުން ދެތިން ފަހަތަކު މަންމައަށް ގޮވާލިއެވެ.

"ދަރިފުޅާ ތަނަކަށް ތަދުވަނީތަ...؟ ކޮންތާކަށްތަ ތަދުވަނީ...؟ ކިހިނެތްތަ ތިވަނީ...؟ މަންމަ ކައިރީގައ ބުނެބަލަ...! ކޮންތާކަށްތަ ތަދުވަނީ....؟" ޙަސީނާ ރޮނުން ވާހަކަ ދެއްކިއެވެ

"ނޭނގެ މަންމާ... ހީވަނީ މުޅިގަޔަށް ކަށިތަކެއް ހަރާހެން.... މަންމާ... ވަރަށް ތަދުވޭ... މަންމާ...." ހުމޭދާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"ދެން ކިހިނެތްތަ އަޅެ ހަދާނީ...؟ ގޭގަ ނެތޭ އެއްވެސް މީހަކުވެސް.... ބޭބެވެސް ވީ ބަނދަރުމައްޗަށްގޮސް... ނާޝިދުވެސް ދެންމެ ބޭރަށް އެ ދިޔައީ... ބޭބެއަށް ގުޅޭތޯ ބަލާނަން...." ޙަސީނާ ފޯނު ނަގަމުން ހާސްވެފައި އިނދެގެން ވާހަކަ ދެއްކިއެވެ.

ޚާލިދޫ... ވަރަށް އަވަހަށް ގެއަށް އައިސްބަލަ...! ހުމޭދާއަށް ގޮތެއްވޭ އެބަ...! ނާޝިދުވެސް ގެއަކު ނެތޭ...! ވަރަށް އަވަހަށް އާދެބަލަ...! ނޭނގެ މިމަންޖެއަށް މިވަނީ ކިހިނެތް ކަމެއް ކަމެއްވެސް... ގޮތެއްވަނީ އޭ.... ހެޔޮނުވާނެ އަވަހަށް އާދޭ.... އާނ.... އާން... ބޭބެ އެބައާދޭ... ހިނގާ ތެދުވެގެން މަޑުމަޑުން އެނދަށް ދެވޭތޯ ބަލަމާ...." ޙަސީނާ ފޯނު ބާއްވަމުން ބުނެލިއެވެ.

ޖެހިގެން އައިދުވަހެވެ. ޙަސިނާ އިނީ މުރަނގަފަތް ކޮޅެއް ނޮޅަންވެގެން ބޭރު ޖޯލީގައެވެ. އެވަގުތު ބޭރުން އައސް ގެއަށްވަނީ ޚާލިދެވެ.

"ކޮބާ ޑޮކްޓަރ... ކީކޭތަ ބުނީ....؟" ޚާލިދު އައިސް ޖޯލީގައި އިށީނުމާއެކު ޙަސީނާ ސުވާލު ކޮށްލިއެވެ.

"ޑޮކްޓަރ ބުނާގޮތުން އެމަންޖެގެ އެއްވެސް ކަމެއް ނެތް.. އެމީހުންނަކަށްވެސް ނޭނގެ ކީއްވެކަން އެހެންވާން ޖެހުނީ...! ޙަސީނާގެ ސުވާލަށް ޚާލިދު ޖަވާބު ދިނެވެ.

"ޑޮކްޓަރު އެއްވެސް ކަމެއް ނެތޭ ބުންޏަސް އެމަންޖެއަށް ކޮންމެސް ކަމެއްތާ ގައިމު އެވަނީ...! މި ރަށްރަށުގަ މިއުޅޭ ޑޮކްޓަރުންނަކަށް މާބޮޑު އެއްޗެއް ނޭނގެއޭ... އެމަންޖެ މާލެ ގެންދަންވީ ކަންނޭގެދޯ ދައްކާލަން... އެވާ ގޮތެއް ބަލަން ޖެހޭނެތާ...!" ޚާލިދު އާ ދިމާއަށް ބަލަން އިނދެ ޙަސީނާ ވާހަކަ ދެއްކިއެވެ.

"އާނ... ކޮންމެސް ކަމެއްވާތިދޯ އެމަންޖެ އެހާ ވަރަށް ތެޅިފޮޅެ އެހަދަނީ.... އެހެންނޫނީ އެހެނެއް ނުވާނެއެއްނު.... އެކަމަކު ޑޮކްޓަރަކަށް އެކައްޗެއްވެސް އެނގުނު ކަމަކަށްނުވި... މިރަށުން ހެދެންހުރި ޓެސްޓްތައްވެސް ހަދއިފި....! ބެލެންހުރި ހުރިހާ ގޮތަކަށް ބަލާފަ ކަމެއްނެތޯ އެ ބުނަނީ....! އެކަމަކު ކަމެއްނުވާނަމަ އެމަންޖެ އެހެން އުޅޭނެތަ...؟ ޙަސީނާ އާ ދިމާއަށް ބަލަންއިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.

"ދެން ޚާލިދު ނުބުނަންތަ ވިހޭ ފަހުންނޭ މިކަން ވާންފެށީ...؟" ޙަސީނާ ސުވާލު ކުރިއެވެ.

"ތިހެންވެސް ބުނިން...! ވިހޭ ފަހުންނޭ މިކަން ވާންފެށީ... އަހަރުމެންނަށް އެކަން ފާހަގަ ކުރެވެން ފެށީވެސް އޭގެ ފަހުންނޭ... ހުރިހާ ވާހަކައެއްވެސް ކިޔާދިނިން... އެކަމަކު ހަމަ އެއްވެސް ކަމެއްނެތޯ ބުނީ... ޓެސްޓަކުންވެސް އެއްވެސް ކަމެއް ހުރިކަމަކަށް ނުދައްކަޔޯ... ދެން ނޭނގެ މިވާގޮތެއް...."

"ދެން ހިނގާ ނާޝިދު އާ ވާހަކަ ދައްކައިގެން އެމަންޖެ މާލެ ގެންދެވޭތޯ ބަލަމާ.... މާލެ ގެންގޮއްސަ މާލޭން ޓެސްޓް ހެދީމަ އެނގިދާނެތާ ވާނުވާއެއް..." ޚާލިދުއާ ދިމާއަށް ބަލަންއިނދެ ހަސީނާ ވާހަކަ ދެއްކިއެވެ.

"އާނ ތީ ދެންއޮތް ގޮތަކީ... މި މީހުންނަށް އެއްޗެއް އެނގޭ ކަމަކަށް ނުވިއެއްނު....! ޓިކެޓް ލިބޭތޯ ބަލަމާ...." ޙަސީނާ ބުނެލިއެވެ.

ޖެހިގެން އައިރޭވެސް އިރުއޮއްސުނުއިރު ހުމޭދާ ބޮލުގައި ރިއްސަން ފަށައިފިއެވެ. ބޮލުގައި ރިއްސާވަރުން އެންމެފަހުން ކެތްނުވެގެން ބޭބީ ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ހުމޭދާގޮސް އެނދުގައި އޮށޯވެލިއެވެ. އެވަގުތު ކޮޓަރިއަށް އައިސްވަނީ ނާޝިދެވެ.

"ކޮބާ މިރޭވެސް ބޮލުގައި ރިއްސަން ފެށީތަ....؟" ނާޝިދު އައިސް ހުމޭދާ ގާތުގައި އެނދުގައި އިށީންނަމުން ބުނެލިއެވެ.

"އާނ... އިރުއޮއްސުނީންސުރެ ބޮލުގަ ރިއްސާވަރުން ހަމަ ކޮޅަށް ނުހުރެވިގެން ބޭބީ ބާއްވާފަ އައިސް މިއޮށޯތީ.... ކޮންމެ ރެއަކު އިރުއޮއްސޭއިރަށް ކިހިނެތްތަ މިވަނީ....؟ ހަމައެއްގޮތަކަށްވެސް ކޮޅަށް ނުހުރެވިގެން މިއޮށޯތީ...." ނާޝިދުގެ އުނގުގައި ބޯއަޅާލަމުން ހުމޭދާ ބުންޏެވެ.

"ދެން ނިދޭތޯ މަސައްކަތްކޮށްބަލަ...  ފަހަރެއްގަ ނިދުނީމަވެސް ރަނގަޅު ވެދާނެ.... މީދެން ހާދަ ދެރަކަމެކޭދޯ...." ނާޝިދު ވިސްނަން އިނދެ ވާހަކަ ދެއްކިއެވެ.

"ނިންޖެއްވެސް ނާދެއޭ... މިވަރަށް ބޮލުގަ ރިއްސާއިރު ކިހިނެތްތަ ނިދާނީ....؟" ކުކުރަމުން ކަހަލަ ގޮތަކަށް ހުމޭދާ ވާހަކަ ދެއްކިއެވެ.

"އަސްތާ....! ހުންވެސް އައިއްސައެއްނު ތިއޮތީ... ހާދަ ހުންގަދައޭ...." ހުމޭދާގެ ނިތްކުރީގަ އަތް ޖައްސާލަމުން ނާޝިދު ބުނެލިއެވެ.

"ނޭނގެ ރިއްސާ ނުރިއްސާ ތަނެއްވެސް ބުނާނަން... ކިހިނެތް ދެންހަދާނީ....؟ ބޭބެ ބުނި ޑޮކްޓަރ ޓެސްޓުތައް ބަލާފަ ބުންޏޯ އެއްވެސް ކަމެއް ނެތޭ... އެކަމަކު ހުމޭގެ މުޅި އެތެރެހަށި ހީވަނީ ފަޅައިގެން ހިނގާދާނެހެން.... ހީވަނީ މަރުވާން އުޅެނީހެން..." ހުމޭދާ މަޑުމަޑުން ގިސްލަމުން ވާހަކަ ދެއްކިއެވެ.

"ތިހެން ނުބުނޭ ހުމޭ... އަހަރުމެންގެ ހަޔާތަށް ތިކަހަލަ ދެރަގޮތެއް ދިމައެއްނުވާނެ... އަހަރުމެންނަށް މިހާރު އެއޮތީ ލޯބިލޯބި ބޭބީއެއްވެސް ލިބިފަ... ދެން ކީއްވެ އަހަރުމެންގެ ހަޔާތަށް އެކަހަލަ ދެރަގޮތެއްވާންވީ... ހުމޭ ދެން ދުވަހަކުވެސް އެހެން ނުބުނައްޗޭ.... ހުމޭ މިދުނިޔެ ދޫކޮށް ގޮސްފިއްޔާ ނާޝިދު ކިހިނެތް މި ދުނިޔޭގައި އުޅޭނީ.... ޑޮކްޓަރ އެހެން ބުންޏަސް އަހަރުމެންނަށް މިކަމުގައި ކޮންމެސް ގޮތެއް އޮންނާނެ... އެގޮތެއް ވަރަށް އަވަހަށް ފެންނާނެ.... ހުމޭއަށް ތިހެންވާކަށް ނާޝިދު ދުލެއް ނުކުރާނަން...." ހުމޭދާގެ ނިތްކުރީގައި ފިރުމަމުން ނާޝިދު ވަރަށް އަސަރާއެކު ވާހަކަ ދެއްކިއެވެ.

"އެކަމަކު ހުމޭއަކަށް ހީއެއްނުވެ ހުމޭއަށް ދެން މާގިނަވަގުތެއް އޮތް ހެނެއް..." ހުމޭދާ ކުކުރަމުން ރޮނގުން ގެންދިޔައެވެ.

"ނާޝިދު ތިކަމަށް ގޮތެއް ހޯދަން... ހުމޭ ހަމަޖެހިގެން ދެލޯ މަރާލައިގެން ނިދާލެވޭތޯ ބަލާބަލަ..." ނާޝިދު ހުމޭދާގެ ނިތްކުރީގައި ފިރުމަމުން ގެންދިޔައެވެ.

ކުޑައިރުކޮޅެއް ފަހުން މަޑުންމަޑުން ގޮސް ހުމޭދާއަށް ނިދިއްޖެއެވެ. ހުމޭދާއަށް ނިދުމާއެކު ނާޝިދުގެ އުނގުން ހުމޭދާގެ ބޯ ނަގާ ހުމޭދާ ބާލީހުގައި ބޭއްވުމަށްފަހު ނާޝިދު ތެދުވެގެން ހިނގަގަތެވެ.

"ނާޝިދު މިރޭވެސް މިގަޑީގައ ބޭރަށްދަނީތަ....؟" މިހާރު އެހެރަ އެކެއް ޖަހަނީ...! ހުމޭ މިހާ ބަލިވެ އުޅޭއިރުވެސް ކޮންމެ ރެއަކު ނާޝިދު ކޮންތާކަށްތަ ތިދަނީ....؟" ހުމޭދާ ކުކުރަމުން ކަހަލަ ގޮތަކަށް ޝަކުވާގެ ރާގެއްގައި ވާހަކަ ދެއްކިއެވެ.

"ހުމޭ... ނާޝިދު ބުނީމެއްނު ފަހުން ހުރިހާ ވާހަކައެއްވެސް ކިޔާދޭނަމޭ.... މިވަގުތު ނާޝިދު ދިޔަދީ.... ނާޝިދު ހުމޭއަށް ދެރަގޮތެއް ނަހަދާނަން... ނާޝިދު ހުމޭދެކެ ވަރަށް ލޯބިވޭ... އެއްވެސް ކަމަކާ ނާޝިދުއަށް ޝައްކު ނުކުރައްޗޭ.... ނާޝިދު ދުވަހަކުވެސް ހުމޭއަށް ބޭވަފާތެރިއެއް ނުވާނަން..." ހުމޭދާ އާ ދިމާއަށް ބަލާވެސް ނުލާ ނާޝިދު އެހުރިގޮތަށް ހުރެ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުތައް ފޮހެލަމުން، އެހެން ބުނުމަށް ފަހު ނާޝިދު ކޮޓަރިން ބޭރަށް ނުކުތެވެ.

ހުމޭދާ ގިސްލަ ގިސްލާފައި ރޯން އޮތެވެ. އެވަގުތު ހަސީނާ އާ ޚާލިދުވެސް ނުނިދަ އެނދުމަތީގައި ވާހަކައިގައި ތިއްބެވެ.

"އެމަންޖެ އެހާބަލިވެ އުޅޭއިރުވެސް މިހާރު ދެރެއަކު ދަންވަރުގަޑީގަ ނާޝިދު ބޭރަށް ދަނިކޮށް ފެނިއްޖެ... ނޭނގެ ކޮންތާކަށް ކަމެއްވެސް އެދަނީ.... އެގަޑީގަ ބޭރަށް ގޮސް ކުރާނެ ކަމެއް ނޯންނާނެ.... ހަސީނާ އެމަންޖެއާ ވާހަކަ ދައްކާލަބަލަ...." ހަސީނާއާ ދިމާއަށް ބަލަންއޮވެ ޚާލިދު ވާހަކަ ދެއްކިއެވެ.

"އެހެންތަ....؟ އަހަރެން ތިވާހަކަ ހުމޭދާއާ ދައްކާލާނަން.... ތިބުނީ ރަނގަޅު ވާހަކައެއް އެމަންޖެ އެހާ ބަލިވެއުޅޭއިރު އެހާ ދަންވަރު ބޭރަށްދާނެ ކަމެއްނެތްތާ....! ހަސީނާވެސް ޚާލިދު ބުނިއެއްޗަކަށް އެއްބަސްވިއެވެ.

"އަސްތާ ވާނުވާ ނޭނގި، ވާހަކައިގައި ތިއްބަ ދޭއް ޖަހަން ކައިރިވީ... ހިނގާ ދެން ނިދަންއުޅެމާ.... ފާހާނާއަށް ގޮއްސަ އެބަ އަންނަން...." އެނދުން ތެދުވަމުން ޚާލިދު ބުނެލިއެވެ.

ޚާލިދު ފާހާނާއަށް ވަނުމަށްފަހު ނިކުތީ ފެންފޮދެއް ބޯލަން ސިޓިން ރޫމަށެވެ. އެވަގުތު ގޭގެ ބޭރުދޮރު ލެއްޕުނުތަން ޚާލިދުއަށް ފެނުނެވެ.

"މިރޭވެސް ނާޝިދު ބޭރަށްދަނީތަ....؟ ކޮންތާކަށްތޯ ކޮންމެރެއަކު އެދަނީ މިރޭ ބަލަންވީ ކަންނޭނގެ...." ޚާލިދުގެ ހިތަށް އެރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 13 ފެބްރުއަރީ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް