މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ބޭއްވި އެ ޤައުމުގެ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ އާއްމުކުރުން އިންތިހާއަށް ލަސްވެ އެ ޤައުމުގެ މަސްލަހަތު ގޯސްވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާލާއިރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގަށް ކަށަވަރު ކުރެވިފައިވަނީ 73 ގޮނޑިއެވެ. އިމްރާން ޚާންގެ ތެހެރީކް-އޭ-އިންސާފަށް ތާއީދުކުރާ ކެނޑިޑޭޓުން 102 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން ބިލާވަލް ބުއްޓޯ ޒަރްދާރީގެ ޕާކިސްތާނު ޕީޕަލްސް ޕާޓީން 54 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. އިއްޔެގެ ނިޔަލަށް ނަތީޖާ ނުލިބިވަނީ ނުވަ ފޮއްޓެއްގައެވެ.
ނަތީޖާތައް މިހެން ހުރިނަމަވެސް ނަވާޒް ޝަރީފްގެ ފަރާތުންވެސް އަދި އިމްރާން ޚާންގެ ފަރާތުންވެސް ވަނީ ކާމިޔާބު ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިޢުލާނު ނުކުރާތީ އިންތިޚާބު ކާމިޔާބުކުރި ބަޔަކު ވަނީ ކަށަވަރު ނުވެއެވެ.
މިއާއެކު އެ ގައުމުގެ މަގުތަކުގައި މުޒާހަރާތައް އިތުރުވެ އާއްމު ހާލަތު ގޯސްވެފައިވާއިރު ކޯލީޝަން ސަރުކާރެއް އުފެއްދުމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެހެންނަމަވެސް އަދި އެއްވެސް ކަމެއް އެއްވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.
ނަމަވެސް އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރުން ލަސްވާ ލަސްވުމަކީ ކަންބޮޑުވުމެއް ކަމާއި އަދި ވޯޓު އޮޅުވާލަން މަގުފަހިވާކަމެއްކަމަށްބުނެ އިންތިޚާބު މޮނީޓަރކުރި ފަރާތްތަކާއި ބައެއް ޤައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް