އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ އެ ކޯލީޝަންގެ އެކްޓިވިސްޓަކު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ ޑީޕޯޓްކޮށްލަން އިންޑިއާއިން ނިންމައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކޯލީޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްގެ) ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) މިހާރު ހުރީ އިންޑިއާގެ އެފްއާރްއާރްއޯ ގެ ބެލުމުގެ ދަށުގައެވެ. މިހާރު ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސަމަދު ހައްޔަރުކޮށްފައިވަނީ އާއިލާ މެންބަރުންތަކަކާއެކު ބޭސްފަރުވާއަށް އިންޑިއާއަށްގޮސް އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓާކަމަށް މައުލޫމާތު ލިބެއެވެ. ސަމަދުބެ އިންޑިއާއަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.
ސަމަދު ޑީޕޯޓް ކޮށްލުމުގެ މަސައްކަތް އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު އިންޑިއާ އައުޓް ކެމްޕޭނުގައި ސަމަދު ފާހަގަކޮށްލެވެނީ އަބަދުވެސް ވަރަށް ހަރަކާތްތެރި އެކްޓިވިސްޓެއްގެ ގޮތުގައެވެ.
މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ޕްރޮގްރެސިވް ކޯލީޝަނުންވެސް ރަސްމީ ސިފައެއްގައި މިކަމާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް