މިހާރު މޮރޮކޯގައި ކުރިޔަށްދާ ފީފާ ކުލަބް ވޯލްޑް ކަޕް ފައިނަލުގައި މިރޭ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާއި ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު، އަނިޔާގެ މައްސަލަތަކާއި ހުރެ އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭނެއެވެ.
މިރޭގެ މެޗާއި ދިމާކޮށް އަނިޔާގެ ގިނަ މައްސަލަތަކެއް ރެއާލަ އަށް ކުރިމަތިވެފައިވާއިރު، އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ހަތަރު ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކުޅުންތެރިންނަކީ ފާލަންޑް މެންޑީ އާއި އެޑެން ހަޒާޑް އާއި ލުކަސް ވަޒްކޭޒްގެ އިތުރުން އެންނަމްބަރު ގޯލް ކީޕަރު ތިބައު ކޯޓުއާއެވެ.
ނަމަވެސް މުބާރާތުގެ ސެމީގައި އަނިޔާގެ ސަބަބުން ނުކުޅެވުނު މުހިންމު ކުޅުންތެރިން ކަމުގައިވާ ކަރީމް ބެންޒެމާ އާއި އެޑަ މިލިޓާއޯގެ އިތުރުން ޑެނި ކަވަހާލް އާއި މާކޯ އެސެންސިއޯ މިރޭގެ މެޗަށް ނެގި ސްކޮޑުގައި ވަނީ ހިމަނާފައެވެ.
އަނެއްކޮޅުން މިރޭ ރެއާލް އާއި ދެކޮޅަށް ނުކުންނަ އަލް ހިލާލް ޓީމުގައި މާ ބޮޑު އަނިޔާގެ މައްސަލައެއް ނެތެވެ. ކުރިން ސަސްޕެންޝަނުގައި ހުރިި ސެންޓްރަލް މިޑްފީލްޑަރ މުހައްމަދު ކަނޯ މިރޭގެ މެޗުން ފެނިގެންދާނެއެވެ. މިއީ އަލް ހިލާލްއަށް ލިބިގެންދާނޭ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.
ރެއާލް މެޑްރިޑް މި މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީގައި މިސްރުގެ އަލް އަހްލީ 1-4 އިން ބަލިކޮށްގެންނެވެ. އަދި އަލް ހިލާލް ފައިނަލަށް ދިޔައީ ސެމީގައި 2-3 އިން ބްރެޒިލްގެ ފްލެމިންގޯ ބަލިކުރުމަށް ފަހުގައެވެ. މިއީ ސައުދީގެ އަލް ހިލާލް މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް