ތުރުކީ ސީރިއާ ބިންހެލުން: ހިތްވަރާއި އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނުވި ބައެއް މަންޒަރު!

ތުރުކީ ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިމެނޭ ސިޓީތަކަށް މިދިޔަ ހޯމަ ދުވަހުގެ ފަތިހު 4:17 ހާއިރު އައި ބިން ހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދި...

11 Feb 2023 | 12:02

ތުރުކީ ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިމެނޭ ސިޓީތަކަށް މިދިޔަ ހޯމަ ދުވަހުގެ ފަތިހު 4:17 ހާއިރު އައި ބިން ހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއް ނެތި ޓީމުތަކުން ދަނީ ކުރަމުންނެވެ.

އެ މަސައްކަތުގައި ދެ ގައުމަށް 100 އަށްވުރެ ގިނަ ގައުމުން އެހީތެރިކަން ފޯރުކޮށްދީ ޓީމުތައް ބައިވެރި ކުރަމުންދާއިރު މިހާރު އިމާރާތްތަކުގެ ދަށުން ކުރިން އިވެމުންދިޔަ ރުއިމާއި ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ކުރާ އަޑާއި ތަކުބީރުގެ އަޑުތައް ދަނީ މަޑުވަމުންނެވެ. އެއީ ދިރިތިއްބަ މީހުން ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރާ ވަގުތު ފާއިތުވެ ގޮސްފައިވާތީ އެވެ.

ތަޖުރިބާކާރުން ގަބޫލު ކުރާގޮތުގައި ފެނާއި ކާބޯތަކެއްޗާއި އޮކްސިޖަން ލިބޭނެ ގޮތެއް ނެތި އިންސާނަކު ދެތިން ދުވަހަށްވުރެ ގިނަ ދުވަހަކު ދިރި ނުހުންނާނެ އެވެ. އެއަށްވުރެ ގިނަ ދުވަހު އިންސާނަކު ދިރިހުރުމަކީ މުޖުޖިޒާތެއް ފަދަ އަޖައިބެކެވެ.

އެ މުއްދަތު ހަފަހަނާ ދިޔަ ނަމަވެސް މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަމުންދާ ޓީމުތަކުން ދަނީ ހުއްޓުމެއް އަދި ވަރުބަލި ކަމެއް ނެތި އިމާރާތްތަކުގެ ދަށުގައި ދިރިހުރި މީހަކު އޮތްތޯ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެކަމަށް ހިތްވަރު ލިބުނީ އެމީހުން ބުނާގޮތުގައި ދެ ގައުމުގައިވެސް ކުރަމުންދާ މަސައްކަތްތަކުގައި ހަނިގޮތްގޮތުން ސަލާމަތް ކުރެވެމުންދާ މީހުންނާއި ކުދިންގެ ފަރާތުން ފެންނަމުންދާ އުފާވެރިކަމާއި އާ ދިރިއުޅުމެއް ލިބުނު ކަމުގެ އުންމީދުންނެވެ.

ބައިނަލް އަގުވާމީ މީޑިއާގައި ވަނީ އިމާރާތްތަކުގެ ދަށުން ވަރަށް އުނދަގުލުން ނެރެ ސަލާމަތް ކުރި ކުޑަކުދިންތަކަކާއި ބައެއްގެ ވީޑިއޯ އާންމުކޮށް އެއީ ޓީމުތަކަށް ލިބުނު ހިތްވަރުގެ ގޮތުގައި ސިފަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް