މަގުމަތީގައި މަސްތުވާތަކެތި ވިއްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަ މީހާ ހައްޔަރު ކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާއިން ވިދާޅުވީ އެ ވީޑިއޯގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކަނިކޮށް ފެންނަ މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ މީޑިއާއިން އިތުރަށް ވިދާޅުވީ އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާކަމަށެވެ. އަދި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ގައުމުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހާލަތާއި މެދު އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް