މިދިޔަ ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 3.40 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 43.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި ޖަނަވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 43.6 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، އެއަރޕޯޓް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިގޮތުން، ޑިސެންބަރު 2021 އާއި އަޅައިބަލާއިރު، ޑިސެންބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12.0 ޕަސެންޓު އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖަނަވަރީ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 47.7 ޕަސެންޓު ނުވަތަ 1.62 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 38.1 ޕަސެންޓު ނުވަތަ 1.30 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ގްރީން ޓެކްސް 100.79 މިލިއަން ރުފިޔާ (3.0 ޕަސެންޓު)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 94.04 މިލިއަން ރުފިޔާ (2.8 ޕަސެންޓު)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 89.60 މިލިއަން ރުފިޔާ (5.8 ޕަސެންޓު) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިލިއަން ރުފިޔާ (5.8ޕަސެންޓު) ލިބިފައިވެއެވެ.
ޖަނަވަރީ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.80 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް