ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިފި

މާލެ ސަރަހައްދުގައި ދަތުރުދާން ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިފި އެވެ. މިއަދު ރަސްމީކޮށް އެ ރަށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައ...

11 Feb 2023 | 05:32

މާލެ ސަރަހައްދުގައި ދަތުރުދާން ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ރަސްމީކޮށް އެ ރަށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެވެވަޑައިގެންނެވި އެވެ.

ކުޑަގިރި ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މާލެއިން ފުރައިގެން ފެރީގައި 45 މިނެޓުން އަދި ލޯންޗުގައި 15 މިނެޓުން ދެވޭ ކުޑަގިރި ތަރައްގީ ކޮށްފައިވަނީ އެއް ފަހަރާ 600 މީހުންނަށް ބޭނުން ކުރެވޭ ގޮތަށެވެ. މިރަށް އޮންނަނީ މާލެއާ 10.5 ކިލޯ މީޓަރު ދުރުގައި އެވެ.

އެރަށުގައި ފީ ދައްކައިގެން މޫދު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު އޮންނައިރު ގިނަ އަދަދެއްގެ ހަޓުތަކާއި ކެފޭ އަދި މިސްކިތަކާއި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިތައް ހަދާފައިވެ އެވެ. އަދި މޫދަށް އެރެވޭ ގޮތަށް ހަތް ބީޗެއް ތަރައްގީކޮށްފައިވެ އެވެ. އެ ރަށުގައި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ކުޑަކުދިންގެ ޕާކެއްވެސް ތަރައްގީކޮށްފައިވެ އެވެ.

ކުޑަގިރިއަށް ދަތުރު ދިއުމަށް ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެ އެވެ. ފެރީ އާއި އެންޓްރެންސްފީވެސް ހިލޭ އެވެ. އަދި އެ ދުވަސްތަކަކީ ދިވެހިންނަށް އެކަނި ކުޑަގިރި ބޭނުން ކުރެވޭ ދުވަސްތަކެއް ކަމަށްވިޔަސް ދިވެހިންގެ ގޭގޭގައި ގެނގުޅޭ ބިދޭސީ މަސައްކަތު މީހުންނަށް އާއިލާތަކާއި އެކު ދެވޭނެ ކަމަށް މި ރަށް ބަލަހައްޓާ އެޗްޑީސީން ބުނެ އެވެ.

އެ ނޫން ދުވަސްތަކުގައި ދަތުރު ދާނަމަ ފެރީ ޓިކެޓަށް 25 ރުފިޔާ އަދި ކުޑަގިރި އެންޓްރެންސް ފީގެ ގޮތުގައި 50 ރުފިޔާ ދައްކަން ޖެހެ އެވެ. 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 25 ރުފިޔާ އެވެ.

މި ރަށަށް ދަތުރު ދިއުމަށް ހުޅުމާލެއާއި މާލެއިން ފެރީ އޮވެ އެވެ. ދަތުރުދާން ބޭނުންވާ ފަރާތްތަކުން ޖެހެނީ ކުޑަގިރި އެޕް މެދުވެރިކޮށް ބުކް ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް