މިދިޔަ ހޯމަ ދުވަހުގެ ފަތިހު 4:17 ހާއިރު ތުރުކީ އާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް އައި ބާރު ގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 24،000 އަށް އަރާފައި އެވެ.
ޒަހަމްވި މީހުންގެ އަދަދު ލައްކައަކަށްވުރެ ގިނަ އިރު ދެ ގައުމުން ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު މިލިއަނަށްވުރެ އިތުރުވެފައި އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ބައެއްގެ ލޯތައް ހުއްޓިފައި ވަނީ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރަމުންދާ ތުއްތު ކުދިންނަށެވެ.
ގިނަ ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން އިމާރާތް ވެއްޓެމުން ދިޔަ އިރު މައިންބަފައިން ތިބީ އެ ކުދިން ގައިތެރެއަށް ލައިގެންނެވެ. ނަތީޖާއެއްގެ ގޮތުގައި މައިންބަފައިން މަރުވެ ކުދިން ވަނީ ސަލާމަތްވެފައި އެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހަމައެކަނި ތުރުކީގައި އިމާރާތްތަކުގެ ދަށުން ސަލާމަތް ކޮށްފައިވާ އަހަރު ނުވާ 260 ކުދިން އެއް ހޮސްޕިޓަލެއްގައި އެބަތިއްބެވެ. އެ ކުދިންނަކީ ކޮން އާއިލާއަކަށް ނިސްބަތްވާ ކުދިންކަންވެސް ދެނެގަނެވިފައި ނުވާއިރު އޭގެން ކުއްޖެއްގެ ނަމެއްވެސް ނޭނގެ އެވެ. ބިން ހެލުމުގައި މައިންބަފައިންނާއި އާއިލާ މަރުވެ، އެކު އެ ކުދިންގެ ނަން ވަނީ ދުނިޔެއިން ފޮހެވިފައި އެވެ.
އެހުރިހާ ކުދިންގެ ހޮސްޕިޓަލް ނަމުގައި ޖަހާފައިވަނީ "ނަން ނޭނގެ" އެވެ. ތުރުކީގެ ކަމާ ބެހޭ އިދާރާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އިތުރު ހޮސްޕިޓަލްތަކުގައި ތިބި އެފަދަ ކުދިންނާއި އެކު ނަން އަދި ކޮން ކުއްޖެއްކަން ނޭނގޭ ކުދިންގެ އަދަދު އެތައް ސަތޭކައަށް އަރާނެ އެވެ.
މީގެ ތެރެއިން އަހަރު ނުވާ ބައެއް ކުދިންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވި ނަމަވެސް ބައެއް ކުދިންގެ ކަށިތަކުގައި ރެނދުލުން ފަދަ ރަނގަޅު ކުރެވޭނެ އަނިޔާތަށް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އުމުރުން ހަ އަހަރުން ދަށުގެ ކުދިންވެސް އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާއިރު އޭގެން އެއްވެސް ކުއްޖަކާއި ސުވާލުކޮށް އެއީ ކޮން ނަމެއް ކިޔާ އަދި ކޮން އާއިލާއަކަށް ނިސްބަތްވާ ކުދިންނެތްތޯ އެހުމުގެ ފުރުސަތެއް އަދި ނުލިބެ އެވެ. އެކުދިންނަށް ވަނީ ބިން ހެލުމުގައި ތަޖުރިބާ ކުރަން ޖެހުނު ކަންކަމުގެ ސަބަބުން ޝޮކެއް ޖެހިފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައި އެވެ.
އެހެންވެ ހޮސްޕިިޓަލްތަކުން ދަނީ ކޮން ކުދިންނެއްކަން ދެނެގަނެވިފައި ނުވާ ކުދިންގެ އާއިލާތައް ހޯދުމަށް މަސައްކަތް ކުރުމާއި އެއްވަރަށް ތިން އަހަރާއި ހަ އަހަރާއި ދެމެދުގެ ކުދިންނަށް ބިން ހެލުމުގެ ސަބަބުން ޖެހިފައިވާ ޝޮކުން އަރައި ގަނެ އާންމު ހާލަތަކަށް ގެންދިއުމަށް ކެތްތެރިކަމާއި އެކު ކުދިންނަށް ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް