އަމީނީ މަގުގެ މަސައްކަތް އަވަސް ކުރަން ތާރު އަޅަން އެމްޓީސީސީއަށް

އަމީނީ މަގުގެ މަސައްކަތް އަވަސް ކުރަން މިހާރު ނިމިފައި އޮތް ބައިގަ ތާރު އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކޮށްފައިވަނ...

11 Feb 2023 | 04:44

އަމީނީ މަގުގެ މަސައްކަތް އަވަސް ކުރަން މިހާރު ނިމިފައި އޮތް ބައިގަ ތާރު އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކޮށްފައިވަނީ އާރުޑީސީ އާއި އެވެ. އެ ކުންފުނިން ފުރަތަމަ ދެ ސެގްމެންޓުގެ ދަށުން މަގު އެއްވަރުކޮށް ފެންހޮޅިތައް ވަޅުމުގެ މަސައްކަތް ކުރި ނަމަވެސް އެބައިގައި ތާރު އަޅާފައެއް ނުވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ދިގުލައި ތާރު ނާޅާ މައްސަލައިގަ ސަރުކާރަށް ވަރަށް ބޮޑަސް ފަޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ މަސައްކަތް އަވަސް ކުރުމަށް ތާރު އަޅަން އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެމްޓީސީސީން އެ މަސައްކަތް ކުރުމުން ދޭން ޖެހޭ ފައިސާ ހަމަޖައްސާނީ އާރުޑީސީން ކަމަށެވެ. އަދި އެމްޓީސީސީން ތާރު އަޅާނީ މިހާރު މަސައްކަތް ނިމިފައި އޮތް ހިސާބު ކަމަށްވާ މާލޭ ހިޔާ ފްލެޓުތަކާއި ހިސާބަށް ކަމަށް ބުނެފައިވެ އެވެ.

އެ ކުންފުންޏާއި ތާރު އެޅުމުގެ މަސައްކަތް ހަވާލު ކުރީ އާރުޑީސީން އެކަމަށް ރާއްޖެ ގެނައި އާލާތްތައް މާލޭގައި ބެހެއްޓޭނެ ޖާގަ ހަމަ ނުޖެހި ލަސްވާތީ އެވެ. އެ ޖާގަ ހަމަޖެހުމުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް ބުންޏެވެ.

މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މަސައްކަތް އެއްކޮށް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.

މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

13 ސެގްމެންޓަކަށް ބަހާލައިގެން ކުރަމުންދާ އަމީނީ މަަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބުނަނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް