ފަތުރުވެރިކަމުގެ ދާއިރާއިން ހާއްސަ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދެނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމުގ...

11 Feb 2022 | 11:53

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް ދިނުމަށް އެ މިނިސްޓްރީން މި އަހަރުން ފެށިގެން ނިންމާފައިވާ ކަމަށެވެ. އަދި މި އެވޯޑްތަކަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫން މަހު ފުރުސަތުހުޅުވާލާނެކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އެވޯޑު ދޭން ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ފަހިކޮށް ދިނުމާ ގުޅޭ ދާއިރާއިން ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ދާއިރާއިން އެވޯޑެކެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އަށް މީހުން ބިނާކުރަން ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އެވޯޑެއް ވެސް ހިމެނޭ ކަމަށް އެ  މިނިސްޓްރީން ހާމަކުރެއެވެ.

މި އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސް އަދި، ސަފާރީތަަކަށް ވެސް ކުރިމަތިލެވޭނެއެވެ.

އެގޮތުން މި އެވޯޑް ދޭނީ އެ ހިދުމަތެއް ދޭ ފަރާތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން، ފޯމުތައް އިވެލުއޭޓް ކުރުމަށްފަހުއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް