ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމް ކުރަން ނިންމައިފި އެވެ.
މިކަން ހާމަކޮށް އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޤާއިމުކުރެވޭ ހައިކޮމިޝަނާއެކު އޭޝިއާ ޕެސިފިކްގެ ޤައުމުތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާވެ ޤަބޫލުކުރާ އެއްހަމަތަކެއްގެ ދަށުން ޤައުމުތަކަށް މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ލިބިގެންދާނެކަމަށެވެ.
އަލަށް ހުޅުވުމަށް ނިންމާފައިވާ މިހައިކޮމިޝަނާއެކު އެކިދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވުމުގެ އިތުރުން ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއެކު ދެޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާވެގެންދާނެކަމަށް މިބަޔާނުގައިވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތައް ކަމަށްވާ ޓެރަރިޒަމާއި ކަނޑުފޭރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށްވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު ރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ހުޅުވިގެން ދިޔުމުން ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮސްޓްރޭލިއާ ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް އޮސްޓްރޭލިއާ ސަރުކާރުންވަނީ ދެއްވާފައެވެ.
މިގޮތަށް ނިންމާފައިވަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮސްޓްރޭލިއާގެ ނޮން ރެޒިޑެންޓް ސަފީރާއި ފޮރިން މިނިސްޓްރީގެ އިސްވެރިން ކުރެއްވި މަޝްވަރާތަކަކަށް ފަހު އެވެ. ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެ ގައުމުގެ ނޮން ރެޒިޑެންޓް ސަފީރު މިހާރު ހުންނަވަނީ ސްރީލަންކާގައި އެވެ.
އޮސްޓްރޭލިއާގެ މިނިންމުމާއެކު ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ މީގެ 48 އަހަރުކުރިން 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް