ރަނީ ފަރާތުން ކޯވިޑް އަލާމާތް ފެންނަކަން ހާމަ ކުރަން ޝާހީ ގަނޑުވަރުން ދެކޮޅު ހަދައިފި

އިނގިރޭސި ރާނީ އެލިވަޒަބު ދޭއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތެއް ފެންނަކަން ހާމަ ކުރަން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ދެކޮޅު ހަދައިފި އެވެ. ކޯވިޑް އަލާމާތެއް ފެނޭތޯ ޔަގީން ކުރަން ބޭނުން ވެގެން...

11 Feb 2022 | 03:03

އިނގިރޭސި ރާނީ އެލިވަޒަބު ދޭއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތެއް ފެންނަކަން ހާމަ ކުރަން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ދެކޮޅު ހަދައިފި އެވެ.

ކޯވިޑް އަލާމާތެއް ފެނޭތޯ ޔަގީން ކުރަން ބޭނުން ވެގެން އުޅެނީ ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސް އިއްޔެ ކޯވިޑަށް ޕޮސިޓިވްވެފައިވާތީ އެވެ. ޕްރިންސް ޗާލްސް މިވަގުތު ހުންނެވީ ގޭގައި އައިސޮލޭޓް ވެގެންނެވެ.

މިކަމާއި ގުޅިގެން ސުވާލުތައް އަމާޒުވާން ފެށުމުން ޝާހީ ގަނޑުވަރުން ބުނެފައިވަނީ ރާނީގެ ފަރާތުން ކޯވިޑް އަލާމާތެއް ފެނުނު ނަމަވެސް އެކަން ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ޕޮސިޓިވްކަން ނުވަތަ ނެގެޓިވްކަންވެސް ހާމަ ނުކުރާނެ ކަމަށް ބުންޏެވެ.

ގަނޑުވަރުން ބުނެފައިވަނީ އެކަމަނާގެ ސިއްހީ ކަންކަމާއި މެދު އެހާ ބޮޑަށް ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.

އެކަމަކު ގަނޑުވަރުގެ އެތެރޭގެ މައުލޫމާތުތައް އެނގޭ މީހަކު މީޑިއާގައި ބުނެފައިވަނީ މީގެ ދެ ދުވަސް ކުރިން ރާނީ އެލިވަޒަބަތާއި ޕްރިންސް ޗާލްސް ބައްދަލުވެފައިވާ ކަމަށެވެ. ޕްރިންސް ޗާލްސް ޕޮސިޓިވް ވުމުން އެކަމަނާ ޓެސްޓު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.

ޝަހީ ގަނޑުވަރާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިންސް ޗާލްސްއަށް ކޯވިޑް ޖެހިފައި ވީނަމަވެސް އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަދި އަނބިކަނބަލުން ކަމިލާ ވަނީ ކޯވިޑަށް ނެގެޓިވްވެފައި އެވެ.

އިނގިރޭސިވިލާތުގެ ކޯވިޑް ގަވައިދުގައި ވާގޮތުން މިހާރު ޕްރިންސް ޗާލްސް އައިސޮލޭޝަންގައި ހުންނަވަން ޖެހޭނީ ހަތް ދުވަހު އެވެ. މިއީ ޕްރިންސް ކޯވިޑަށް ޕޮސިޓިވްވި ދެ ވަނަ ފަހަރެވެ.

ރާނީ އެލިޒަބަތުގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް އެމަނާގެ ސިއްހީ ހާލު ކޮޅު ސިއްރުކުރަން ޝާހީ އާއިލާއިން މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އުމުރުފުޅުން 95 އަހަރުގެ ރާނީއަށް މިހާރު ވަނީ މާގިނައިން ދަތުރު ކުރުމާއި ރަސްމިއްޔާތުތަކުގައި ބައިވެރިވުމުން ދުރުވެލުމަށް ޑޮކްޓަރުން ލަފާ ދެއްވާފަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އެކަމަނާ ވަނީ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް