ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް މައިތިރްޕާލާ ސިރިސޭނާ އާއި ބައްދަލު ކުރައްވައިފި އެވެ.
ނަޝީދު ލަންކާ ރައީސާއި ބައްދަލު ކުރެއްވިކަން ހާމަކޮށްފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ހަމައެކަނި ވިދާޅުވެފައިވަނީ ލަންކާ ރައީސާއި ބައްދަލު ކުރެއްވި ވާހަކަ އެކަންޏެވެ.
ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދު ހާމަކޮށްފައެއް ނުވެ އެވެ. ސިރިސޭނާ އާއި ނަޝީދު ބައްދަލު ކުރެއްވި މިއީ ދެވަނަ ފަހަރެވެ. ނަޝީދު ވަނީ ސިރިސޭނާ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވުމާއި އެކު އެގައުމަށް ވަޑައިގެން ބައްދަލު ކުރައްވާފައި އެވެ.
ނަޝީދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެންދަވަނީ އެ ގައުމުގައި ތިއްބެވި ޑިޕްލޮމެޓުންނާއި ސަފީރުންނާއިވެސް ބައްދަލު ކުރައްވަމުންނެވެ. އަދި މި ބައްދަލު ކުރެއްވުންތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބޭރުގެ ސަފީރުންނާ ހިއްސާކުރައްވާފައި ވެ އެވެ.
ލަންކާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވެފައިވަނީ 2018 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ބޭރުގެ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަޝީދު ލަންކާގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ޑިމޮކްރީއަށް އެއްވެސް ހުރަހެއް ނެތް ކަމަށް މީގެ ކުރިން ލަންކާ ސަރުކާރުން ވަނީ ބުނެފައި އެވެ.
މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ފަހު ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަނީ އެ ގައުމުންސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު އިނގިރޭސި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް