ގާޒާގެ މި ކުޑަކުޑަ ކުއްޖާ ދުނިޔޭގެ ރެކޯޑްފޮތުން ޖާގަ ހޯދައިފި

އެއީ ނިމިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި ކުޑަކުޑަ ކުއްޖާ ދެކެމުން އައި ހުވަފެނެކެވެ. ހުނަރުން ފުރިފައިވާ މި ކުއްޖާގެ އުއްމީދަކީ ދުނިޔޭގެ ރެކޯޑް ފޮތް، ގިނީޒް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގަ ލިބިގެ...

11 Feb 2017 | 01:45

އެއީ ނިމިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި ކުޑަކުޑަ ކުއްޖާ ދެކެމުން އައި ހުވަފެނެކެވެ. ހުނަރުން ފުރިފައިވާ މި ކުއްޖާގެ އުއްމީދަކީ ދުނިޔޭގެ ރެކޯޑް ފޮތް، ގިނީޒް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގަ ލިބިގެން ދިއުން ކަމުގައި އެ ކުއްޖާ، މީޑިއާގައި ބުނެފައި ވެ އެވެ.

މި ކުއްޖާގެ ހުވަފެން މިއަދު މިވަނީ ކާމިޔާބުވެފަ އެވެ. ފަލަސްތީނުގެ ގާޒާގައި "ސްޕައިޑާ މޭން" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 13 އަހަރުގެ މުހައްމަދު އަލް ޝެއިޚް އަށް ދުނިޔޭގެ ރެކޯޑްފޮތުން ޖާގަ ލިބިފައިވާކަން ހާމަކޮށްފައިވަނީ މި ކުއްޖާގެ ޓްރެއިނާ އެވެ. އޭނާ ބުނެފައިވަނީ އެއް މިނެޓް ވާންދެން ވަކި ގޮތެއްގައި ހަށިގަނޑު މެއިންޓެއިން ކުރުމުގެ ރެކޯޑް އެ ކުއްޖާއަށް ލިބިފައިވާކަމަށެވެ.

މި ކުއްޖާއަށް ލިބިފައިވާ ތަފާތު ހުނަރުތަކުގެ ތެރޭގައި ބޭނުންގޮތަކަށް ހަށިގަނޑު ލަންބާލުމުގެ ހުނަރާއި އުނގަނޑު ލަންބާލުމަށްފަހު ކުރިމައްޗަށް ދެފައި ގެނައުމުގެ ހުނަރާއި މިފަދަ އެތައް ހުނަރެއް ލިބިފައި ވެ އެވެ.

ކުޑަ ކުޑަ މުހައްމަދުގެ ޓްރެއިނާ ބުނެފައިވަނީ މި ރެކޯޑް ގާއިމް ކުރުމަށް ކުރީން ގަސްތުކުރީ ފަލަސްތީނުގައި ކަމަށާއި ނަމަވެސް އިޒްރޭލުން ކުރިމަތިކޮށްފައިވާ ފިއްތުންތަކުގެ ސަބަބުން ގިނީޒް ރެކޯޑްސްގެ ޓީމް ގާޒާއަށް އައުން ވީ ދަތި ކަމަކަށް ކަމަށެވެ. އެހެންކަމުން ރެކޯޑް ގާއިމްކޮށްފައިވަނީ ޖޯޑަންގެ އަމާންގައި ކަމުގައި މުހައްމަދުގެ ޓްރެއިނާ ބުނެފައި ވެ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ރެކޯޑް ގާއިމްކުރި މަންޒަރު ބަލަން ދާން މުހައްމަދުގެ ބައްޕަ އަދި މަންމަވެސް ބޭނުންވި ކަމަށާއި ނަމަވެސް އިޒްރޭލުން އެ ހުއްދަ އެ ފަރާތްތަކަށް ދީފައި ނުވާކަމަށެވެ. އަދި އިތުރު ރެކޯޑްތަކެއް ގާއިމް ކުރުމަށް މުހައްމަދު އަންނަނީ ތައްޔާރުވަމުން ކަމުގައިވެސް މުހައްމަދުގެ ޓްރެއިނާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް