ނާޒިމްގެ ގެއަށް އެއްޗެހި ވެއްދީ ފުލުހުން ކަމަށްބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ޕޮލިސް

ނާޒިމް ދިރިއުޅުއްވާތަނަށް ފުލުހުން އެއްޗެއް ވެއްދިކަމަށް ބުނެ، ފުލުހުން އެތަނުގައި އަމަލުކޮށްފައިވާ ގޮތް ފެނިވަޑައިނުގަންނަވާ ބައެއް ބޭފުޅުން، އެކަންކުރީ ފުލުހުންކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހ...

11 Feb 2015 | 18:32

ނާޒިމް ދިރިއުޅުއްވާތަނަށް ފުލުހުން އެއްޗެއް ވެއްދިކަމަށް ބުނެ، ފުލުހުން އެތަނުގައި އަމަލުކޮށްފައިވާ ގޮތް ފެނިވަޑައިނުގަންނަވާ ބައެއް ބޭފުޅުން، އެކަންކުރީ ފުލުހުންކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކަވައި ފުލުހުންގެ ބޮލުގައި ތުހުމަތުތަކެއް އަޅުއްވައި، ވަކި މަޤްޞަދެއް ހާޞިލްކުރުމަށްޓަކައި ކަމަށާއި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ މިރޭ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސް ބަޔާނުގައި ފުލުހުން ބުނެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ހައްޔަރުކުރި މައްސަލައިގާ ނާޒިމްގެ ލީގަލް ޓީމްގެ ފަރާތުން އެ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައުލޫމާތު ދެނީ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ކަމަށެވެ.

އަދި ނާޒިމް ދިރިއުޅުއްވާގެ ބަލައި ފާސްކުރުމަށް ކޯޓުއަމުރު ހޯދުމުގައި ކޯޓަށް ނުރަނގަޅު މަޢުލޫމާތު ދީފައިވާކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި އެމައްސަލައިގެ ތަހްޤީގު އެކި މަރުހަލާތަކުގައި ކޯޓުން އަމުރު ހޯދުމަށް އަބަދުވެސް ކޯޓަށް ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ޤަރީނާއާއި، އެކަމާއި ގުޅޭ ތެދު މަޢުލޫމާތު ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ގެނައުމަށްފަހު ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންގޮސްފައިވާނީ މައްސަލައާއި ގުޅިގެން ޕީޖީ ދެއްވި ލަފާގެ މަތިން،މިގޮތުން ޕީޖީ ލަފާ ލިޔުމުން ލިބި އަދި އެލިޔުން ވާނީ ކޯޓަށްވެސް ހުށަހަޅާފަ،އަދި ކޯޓުން ވަނީ އެލިޔުން ނާޒިމްގެ ލީގަލް ޓީމުގެ ފަރާތުން ކޯޓަށް ދިޔަ ޓީމަށްވެސް ދައްކާފަ" ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނެފައިވަނި މިމައްސަލައާއި ގުޅިގެން ކުރީގެ ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ތުހުމަތުތަކެއް ކަމަށާއި، މިގޮތުން ނާޒިމް، ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގެ އިތުރުން، އިތުރު ބަޔަކާއި ބައިވެރިވެގެން ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ރާވަމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅޭގޮތުން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ ތެރެއިން، މުޙައްމަދު ނާޒިމްއަށާއި، އެބޭފުޅާގެ ލީގަލްޓީމާ ޙިއްސާކުރެވެން ހުރި މަޢުލޫމާތު ވާނީ ޙިއްސާކޮށްފައި ކަމަށް އަދި އަދި މައްސަލައެއްގެ ތަހުގީގަށް ހޯދޭ ހުރިހާ މަޢުލޫމާތަކީ ނާޒިމްއާއި، އޭނާގެ ލީގަލް ޓީމަށް ޙިއްސާކުރެވޭނެ މަޢުލޫމާތު ނޫންކަމަށެވެ.

" ފުލުހުން ލިބިފައިވާ ހެއްކާއި  ޤަރީނާގެ ހުރިހާ މަޢުލޫމާތެއް ނާޒިމްގެ ޤާނޫނީ ޓީމަށް ޙިއްސާ ނުކުރިނަމަވެސް މައްސަލައާއި ގުޅިގެން އަމުރުތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށެހެޅި ހުށަހެޅުމުގައާއި މުއްދަތު މަޖިލީހުގައި ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ތެދު މަޢުލޫމާތު، މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ފަނޑިޔާރުންނަށް ހަޤީޤަތް އޮޅޭފަދަ މަޢުލޫމާތެއް ހުށަހަޅާފައި ނުވާނެ، އަދި މިމައްސަލައާއި ގުޅިގެން ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭ ތަހުގީގު ނިމިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނިކަމަށް ބުނެ ލީގަލް ޓީމުން މީޑިއާގައި ހާމަކޮށްފައިވަނީ ހަގީގަތާއި ޚިލާފް ދޮގުވާހަކައެއް،މިގޮތުން ކޯޓުގައި މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭ ތަޙްޤީޤް އެއްކޮށް ނުނިމޭ ކަމަށާއި، ފޮރެންސިކް ޕްރޮސެސްވެސް އެއްކޮށް ނުނިމޭކަމަށް ދަންނަވާފައިވާނެކަން މިފުރުޞަތުގައި ދަންނަވަން" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެއްވެސް ފަރާތަކުން އެފަދަގޮތަކަށް އަމަލުތައް ނުބެހެއްޓެވުމަށާއި، ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަ ނުދެއްކެވުމަށްވެސް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް