މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ 20، 50 އަދި 100ގެ ސައްހަ ނޫން ޑޮލަރުތަކެއް ދައުރުވަމުން ދާކަމަށާއި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެއްވައި، ޑޮލަރު މުއާމަލާތްކުރައްވާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް