ގޯއްޗާއި ފްލެޓް ހަވާލުކުރުން ސަރުކާރުން ލަސްކުރާކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ހަވާލުކުރުން ސަރުކާރުން ލަސްކުރާތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން ކުށްވެރިކޮށްފިއެވެ. އެމްޑީޕީ ...

11 Jan 2024 | 10:53

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ހަވާލުކުރުން ސަރުކާރުން ލަސްކުރާތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓަގައި އިޢުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާއިރު، މިއަދާ ހަމައަށްވެސް ފުލެޓް ޙަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައި ނުވާކަމަށެވެ.

އެކަމުގެ ޝަކުވާތައް ކޮށް، ފުލެޓް ލިބޭ ފަރާތްތަކުން ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާތީ އެކަމުގެ ޝަކުވާ އެމްޑީޕީއަށް ވެސް ހުށަހަޅަމުން ދާކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީ އިން ބުނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ މުއިއްޒު ދައްކަވަމުންދިއުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ޙަވާލުކުރުން ޑރ މުއިއްޒު ސަރުކާރު ހިންގުމާ ޙަވާލުވީ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފެށުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް