ގާޒާގެ ނޫސްވެރިން ޝަހީދުކޮށްލީ "ޓެރަރިސްޓުން" ކަމަށް ހީވެގެންކަމުގައި ބުނެފި

މިދިޔަ ހަފުތާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގައި ކާރަކަށް އަމާޒުކޮށް އަލްޖަޒީރާގެ ދެ ނޫސްވެރިއަކު ޝަހީދުކޮށްލާފައެވެ. އަލްޖަޒީރާގެ ގާޒާގެ ބިއުރޯ ޗީފް ވައިލް ދަހުދުހްގެ ދޮށީ ދަރިކަލުން ހަމްޒ...

11 Jan 2024 | 07:56

މިދިޔަ ހަފުތާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގައި ކާރަކަށް އަމާޒުކޮށް އަލްޖަޒީރާގެ ދެ ނޫސްވެރިއަކު ޝަހީދުކޮށްލާފައެވެ.

އަލްޖަޒީރާގެ ގާޒާގެ ބިއުރޯ ޗީފް ވައިލް ދަހުދުހްގެ ދޮށީ ދަރިކަލުން ހަމްޒާ ދަހުދުހު ޝަހީދުވީ ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައެވެ. މި ހަމަލާގައި ނޫސްވެރިޔާ މުސްތަފާ ތުރާޔާ ވެސް ޝަހީދުވެފައި ވާއިރު، ތިން ވަނަ ފަސިންޖަރެއް ކަމަށްވާ ނޫސްވެރިޔާ ހަޒީމް ރަޖަބަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އިއިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލާ ދިނީ ވެހިކަލްގައި އިން "ޓެރަރިސްޓަކަށް" އަމާޒުކޮށް ކަމަށެވެ.

އަސްކަރީ މަތިންދާ ބޯޓަކުން އިޒްރޭލުގެ ސިފައިންނަށް ނުރައްކާވާ ފަދަ މަތިންދާބޯޓެއް އޮޕަރޭޓްކުރި ޓެރަރިސްޓެއް ދެނެގަނެ، ހަމަލާދިންކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި، ހަމަލާގެ ތެރޭގައި ޓެރަރިސްޓް މީހާއާ އެއް ކާރެއްގައި ތިބި އިތުރު ދެ މީހަކަށް ވެސް ހަމަލާދިން ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ނަމަވެސް އެ ކާރުގައި އެސްއޯ ޓެރަރިސްޓެއް ހުރިކަމުގެ އެއްވެސް ހެއްކެއް އިޒްރޭލުގެ އަތުގައި އެބައޮތްތޯ ސުވާލު ކުރުމުން އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ވަނީ އެ ހާދިސާ އަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެކަން ހިނގި ގޮތް ދެނެގަތުމުގެ ތަހުގީގެއް ކުރިއަށް ދާ ކަމަށް ބުނެފައެވެ.

"ކޮންމެ ނޫސްވެރިޔަކު ވިޔަސް މަރުވުމަކީ ހިތާމަހުރި ކަމެއް." ހަގާރީ ބުންޏެވެ. "އެ ނޫސްވެރިން ވަނީ ޑްރޯން އެއް ބޭނުންކޮށްފައި. ހަނގުރާމައިގެ ސަރަހައްދެއްގައި ޑްރޯން އެއް ބޭނުން ކުރުމަކީ މައްސަލައެއް. އެއީ ޓެރަރިސްޓުންގެ އަމަލެއް." ހަމާސް އިން ޑްރޯން ބޭނުންކޮށްގެން އިޒްރޭލު ސިފައިންގެ މައުލޫމާތު އެއްކުރާ ކަމަށް އޭނާ ބުންޏެވެ.

"މި ހާދިސާ ތަހުގީގުކޮށް ޑޭޓާ ފޯރުކޮށްދޭނަން." ހަގާރީ ބުންޏެވެ.

މި ހަމަލާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނީ އިޒްރޭލުން އެންމެ ފުރަތަމަ ބުނީ ގާޒާގައި ނޫސްވެރިން ގޮވައިގެން ދަތުރުކުރި ކާރަކަށް ހަމަލާދިނީ ކާރުގައި ޓެރަރިސްޓެއް ހުރުމުން ކަމަށެވެ. މިހާރު ބުނަނީ ނޫސްވެރިއަކު ޑްރޯނެއް ބޭނުންކުރުމުން އެއީ ޓެރަރިސްޓުން ކަމަށް ހިވާތީ ކަމަށެވެ.

ސީޕީޖޭގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޝެރިފް މަންސޫރު ބުނީ އާންމުންނަށް ހަމަލާތައް އަމާޒުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. "ނޫސްވެރިން އެމީހުންގެ މަސައްކަތަށް ބޭނުންކުރަނީ ކެމެރާ އާއި ޑްރޯން ފަދަ އާލާތްތައް. އެއީ ޓެރަރިސްޓުންގެ ގޮތުގައި ބަލައިގެން ނުވާނެ. އަދި އެމީހުންނަކީ ހަމަލާތަކުގެ އަމާޒަކަށް ހަދައިގެން ނުވާނެ."

އަލްޖަޒީރާ މީޑިއާ ނެޓްވޯކުން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބުނެފައިވަނީ ދަހުދުހު އާއި ތުރާޔާ ޝަހީދުކޮށްލި ހާދިސާއިން އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ވަގުތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ގާޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް 100 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތިން މަސް ދުވަހުގެ ތެރޭގައި ދެ ވަނަ ބޮޑު ހަނގުރާމަ ނުވަތަ ވިއެޓްނާމް ހަނގުރާމައަށް ވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުވެފައެވެ.

ސީޕީޖޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ 10 ހަފުތާގެ ތެރޭގައި މުޅި އަހަރެއްހާ ދުވަހުގެ ތެރޭގައި އެއް ގައުމެއްގައި މިހާތަނަށް މަރާލާފައިވާ ނޫސްވެރިންނަށްވުރެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ މަރާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް