ރައީސް ސޯލިހް ފިސާރި ފޯރީގައި ރިއެކްޓް ކުރެއްވި ރެއެއް

ރައީސް ސޯލިހަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫންކަމަށް ކުރީގެ ދެ ރައީސުންކަމުގައިވާ ރައީސް ޔާމީނާއި ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް މިރޭ ރައީސް ސޯލިހް ފިސާރި ފޯރީގައި ރިއެކްޓް ކުރައްވައިފިއެވެ. ހުޅު...

11 Jan 2023 | 18:57

ރައީސް ސޯލިހަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫންކަމަށް ކުރީގެ ދެ ރައީސުންކަމުގައިވާ ރައީސް ޔާމީނާއި ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް މިރޭ ރައީސް ސޯލިހް ފިސާރި ފޯރީގައި ރިއެކްޓް ކުރައްވައިފިއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ރިއެކްޓް ކުރެއްވީ ރައީސް ނަޝީދު މިއަދު ދެއްކެވި މައިގަނޑު ދެ ވާހަކަފުޅަކަށެވެ.

"ކެމްޕޭނު ހަރަކާތް ކުރިއަށްގެންދާއިރުގާ ނޫސްތަކުގައި ލިޔެފައި ހުންނަ ސުރުހީތައް ފެނޭ، ސުރުހީއެއްގައި އޮތީ ވެރިކަން ދިނީވެސް ތިމަންނައޭ ވެރިކަން ބަދަލުކުރާނީވެސް ތިމަންނައޭ، ކާކަށްތޯ އެހެން މީހަކަށް ވެރިކަމެއް ދެވޭނީ ބަދަލު ކުރެވޭނީ، ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް، އިންސާނުންނަށް އޮންނާނީ މަސައްކަތްކުރުން" ރައީސް ނަޝީދުގެ ވާހަކަފުޅަށް ފިސާރި ފޯރީގައި މިރޭ ރިއެކްޓް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ކަމުގެ މަގާމަށް އާދެވުނީ ﷲގެ އިރާދަފުޅާ ވޯޓާ އެކީގާ ކަމަށާއި އެންމެ މީހެއްގެ ތާއީދާ އެކުގައެއް ނޫން ކަމަށެވެ. އަދި ދެމި މި ހުރެވެނީވެސް އެންމެ މީހެއްގެ ތާއީދާ އެކީގައެއް ނޫން ކަމަށާއި އެންމެ ބޭފުޅުންގެ މަދަދާ އެކީގައި ކަމަށެވެ.

"ނޫސްތަކުން ފެނުނު އަނެއް ވާހަކައަކީ ތިން ދައުރު ހޯދުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެންވެސް އެކަން ކުރާނޭ، ކާކުތޯ ގާނޫނޫ އަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ، ވެރިކަން ވެރިކަން ވެރިކަން އެނޫން ކަމެއް ނެތް" ރައީސް ނަޝީދުގެ ދެވަނަ ވާހަކަފުޅަށް ރިއެކްޓް ކުރައްވަމުން ރައީސް ސޯލިހް މިރޭ ވިދާޅުވިއެވެ. އ

އެކަމަށް ބާރު ދެއްވަމުން ރައީސް ވިދާޅުވީ ނިޒާމު ބަދަލުކޮށްގެންވެސް ގާނޫނު ބަދަލުކޮށްގެންވެސް ވެރިކަމަށް އަންނަން އުޅެނީ ކާކުކަން ރައްޔިތުންނަށް އެނގިލައްވާނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އޮންނަނީ ދެ ދައުރުކަމުގައިވާއިރު  ދެ ދައުރަށްވުރެ އިތުރަށް ކުރިމަތި ނުލައްވާނެކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގަވެސް ވެރިކަމުގެ ތެރޭގަ ދެމި ނުހުންނަވާނެކަމަށެވެ. ތާއީދު ކުރައްވަނި ރިޔާސީ ނިޒާމަށް ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާނަމަ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލީސްކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް