މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން މަގުފާރަވެރިން ނަމުގައި ވަޒީފާއެއް އުފެއްދުމަށް ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައި މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނެގުމަށް ވަނީ ނިންމާފައެވެ.
މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ހަމަޖެއްސީ މާލޭގެ މަގުތަކުގެ އެކިއެކި ކަންކަން ބެލެހެއްޓުމަށެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ޕޮލިސް ކޮންސްޓަބިއުލަރީގެ ބޭފުޅުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގު ފާރަވެރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލުމަކީ މަގު ފާރަވެރިން މަސްއޫލިއްޔަތެއްކަމުގައިވާނެއެވެ. އަދި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފއިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަންކުރުންކަމުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް