ސޯދުބެގެ ދަރިފުޅުގެ ކައިވެނި އައިޖީއެމް ހޮސްޕިޓަލުގައި – ސޯދުބެގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ހޮސްޕިޓަލަށް

ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބުގެ ވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ހިތުގެ އެންމެ ފުނިމުން އައިޖީއެމް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ނަރުހުންނާއި ޑަކުޓަރުންނަށް ޝުކުރު ދަންނަވައިފިއެވެ. މިކަން އެ ...

11 Jan 2023 | 17:31

ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބުގެ ވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ހިތުގެ އެންމެ ފުނިމުން އައިޖީއެމް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ނަރުހުންނާއި ޑަކުޓަރުންނަށް ޝުކުރު ދަންނަވައިފިއެވެ.

މިކަން އެ ހޮސްޕިޓަލުން ހާމަކޮށްފައިވަނީ ސޯދުބެ އެ ހޮސްޕިޓަލަށް ދެއްވާފައިވާ ޝުކުރުގެ ނޯޓު ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ.

ސޯދުބެގެ ޝުކުރުގެ އެ ނޯޓުގައި ސޯދުބެ ވިދާޅުވެފައިވަނީ އޭނާއަކީ ހަމަ ޔަގީނުން ވެސް އެތަނުގެ ފްރީކުއަންޓް ކަސްޓަމަރ ޑިސްކައުންޓް ލިބެންޖެހޭ މީހެއްކަން ޔަގީންވެއްޖެ ކަމަށާއި އެ ވޯޑުގައި ނުބާއްވާ ކޮޓަރިއެއް ނެތް ކަމަށެވެ. ހޮސްޕިޓަލުން ފަރުވާ ނުދެއްވާ ނަރުހެއް ޑަކުޓަރެއްވެސް މަދުވާނެކަން ޔަގީން ކަމަށެވެ. ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ވެގެން މި ދިޔައީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި ތާ އަބަދު ހަނދާނުގައި ކަނޑި ނެގިފައިވާ ފަހަރަކަށްވެގެން ގޮސްފައިވާކަން ސޯދުބެގެ ނޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

"އަޅުގަނޑުގެ ދަރިފުޅު ކައިވެނިކުރަން ދެ ހަފްތާއަށް ވެފައި އޮއްވާ ހާލު ދެރަވެގެން މިކޮޅަށް ގެނައި އިރުއްސުރެ މިއަދާ ހަމައަށް ތިޔަ ހިދުމަތްތެރީން ކޮށްދެއްވި މިންނެތް މަސައްކަތަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ހިދުމަތެކެވެ. މިއީ އުމުރުން މިހައި ހިސާބަށް އާދެވުނު އިރު ވެސް ނުފެންނަ އޯގާތެރިކަމެއް ފެނިގެންދިޔަ ފަހަރެކެވެ. ގެއާ މިހައި ދުރުގައި ހުންނަން އަނެއްކާ ވެސް ޖެހުނު ހިނދު އަނބުރައި ދާހިތް ނުވި ފަހަރެކެވެ. މައިގަނޑު ސަބަބަކީ ތިޔަ ދެއްވި ލޯތްބާއި ހިދުމަތގެވެ. ހިތާއި އަމަލުން ފެނުނު ކުލުނެވެ. މިހެން ނުދެންނެވޭންވީ ސަބަބެއް ނެތްތާއެވެ! ތިޔަ ދެއްވި ހަލުވި ފަރުވާގެ އިތުރަށް އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނިވެސް މިތަނުގައި ކުރުމަށް މަގުފަހިކޮށްދެއްވިކަމަށް ޓަކައި ހޮސްޕިޓަލުގެ އިސް ވެރީންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރެއް ދަންނަވަމެވެ. އެ ދުވަސް ވެސް ފެނި، އެ އުފަލުގައި ބައިވެރިވެވުނީ ވެސް ތިޔަ ހިދުމަތްތެރީންގެ ސަބަބުންނެވެ. އަޅުގަނޑު ވީ އުފަލެއް މިފަދަ ލިޔުމަކުން ބަޔާންކުރާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ." ސޯދުބެގެ އެ ނޯޓުގައި ވިދާޅުވެފައިވެއެވެ.

ސޯދުބެގެ އެ ނޯޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ މިއަދު ހެޔޮ ހާލުގައި މި ހުރެވެނީ ﷲ ރަހްމަތްފުޅާ އެކު ނަރުހުންގެ ހިދުމަތާއި ޑަކުޓަރުންގެ މަސައްކަތްޕުޅުން ކަމަށާއި އެ ހިދުމަތްތެރީންގެ ސަބަބުން ކަމަށެވެ.

"މާތް ﷲ ތިޔަ އެންމެހައި ބައިވެރީންނަށް ހެޔޮ ރަހުމަތް ލެއްވުން އެދި ތާ އަބަދު ދުއާކުރަމެވެ. ވަރަށް ބޮޑަށް ލޯބިވަމެވެ. އަދިވެސް އެއްފަހަރު ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަމެވެ. ލޯތްބާއި ޝުކުރިއްޔާ" ސޯދުބެގެ އެ ނޯޓު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ހޮސްޕިޓަލުގެ ވާޑުގައި ކުރެވިގެންދިޔައީ ސޯދުބެގެ ހަގު ދަރިފުޅު ރައުފަތު ސޯދިގާއި ޅީ ދަރިފުޅު ޝުހުދާ އަބްދުއްލަތީފުގެ ކައިވެންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް