އަންހެން ކުދިންނަށް ތައުލީމު ދިނުން ހުއްޓާލީކީ ނޫން، "ލަސްކޮށްލީ": ތޯލިބާނުން

އަންހެން ކުދިންނަށް ސްކޫލާއި ޔުނިވާސިޓީ ތައުލީމް ދިނުން އެއްކޮށް ހުއްޓާލީ ނޫން ކަަމަށާޢި، ލަސްކޮށްލީ ކަމަށް އަފްގާނިސްތާނުގައި ވެރިކަން ކުރާ ތޯލިބާނުން ބުނެފި އެވެ. 2021 ވަނަ އަހަރު ތޯލިބާނުން އަފްގާނ...

11 Jan 2023 | 13:21

އަންހެން ކުދިންނަށް ސްކޫލާއި ޔުނިވާސިޓީ ތައުލީމް ދިނުން އެއްކޮށް ހުއްޓާލީ ނޫން ކަަމަށާޢި، ލަސްކޮށްލީ ކަމަށް އަފްގާނިސްތާނުގައި ވެރިކަން ކުރާ ތޯލިބާނުން ބުނެފި އެވެ.

2021 ވަނަ އަހަރު ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް ގަދަބާރުން ވެރިވެ ގަތީންސުރެ އަންހެން ދަރިވަރުންނަށް ސްކޫލަށް ދިއުން އޮތީ މަނާކޮށްފައި އެވެ. އޭގެ ފަހުން މިދިޔަ މަހު ޔުނިވާސިޓީތަކުގައި އަންހެން ދަރިވަރުންނަށް ތައުލީމު ދިނުމާއި އެކުދިން ޔުނިވާސިޓީތަކަށް ވެއްދުން ވަނީ މަނާކޮށްފައި އެވެ.

މި މައްސަލަ ހޫނުވެ، އެގައުމުގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ މަޝްރަހުގެ ފާޑުކިޔުން އަމާޒުވަނިކޮށް ތޯލިބާނުން ވަނީ އެއީ ދާއިމީ ނިންމުމެއް ނޫން ކަމަށް ބުނެފައި އެވެ.

ތޯލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ސުހައިލް ޝަހީން ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވީ ވަރަށް އަވަހަށް މި ނިންމުމާއި މެދު ވަކިގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ވިދާޅުވީ ތޯލިބާނުންނަކީ އަންހެން ކުދިންނާއި އަންހެނުން ތައުލީމް ހާސިލް ކުރުމަށް ހުރަސް އެޅުމުގެ ވިސްނުން ހުރި ބައެއް ނޫން ކަމަށެވެ.

ސުހައިލް ވިދާޅުވީ ތޯލިބާނުން ވަކާލާކުކޮށް މަސައްކަތް ކުރަމުން ދަނީ އަންހެނުންނަށް އެކަށޭނަ މާހައުލެއްގައި އިސްލާމީ ގަވައިދާއި އުސޫލުގެ ތެރެއިން ތައުލީމު ފޯރުކޮށްދިނުމަށް ކަމަށެވެ.

ތޯލިބާނުން ވެރިކަމަށް އެރުމަށް ފަހު އަންހެން ކުދިން ސްކޫލަށް ފޮނުވުން މަނާކޮށްފައި އޭރުވެސް ބުނީ ވަރަށް އަވަހަށް އެކުދިންނަށް ތައުލީމު ދޭނެ ގޮތެއް ކަނޑައަޅައި ސްކޫލްތަކަށް ދެވޭނެ ގޮތެއް ހަދާނެ ކަމަށެވެ. އެކަމަކު މިހާތަނަށް އެއްވެސް ސްކޫލެއްގައި އަންހެން ދަރިވަރުންނަށް ކިޔަވައިދީފައިއެއް ނުވެ އެވެ.

ތޯލިބާނުން ވެރިކަމަށް އައުމަށް ފަހުން ޔުނިވާސިޓީތަކުގައި އަންހެން ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ހުއްދަ ދިނީ ޕާޓިޝަން ޖަހައިގެން ފިރިހެން ދަރިވަރުންނާއި ވަކިކޮށްގެންނެވެ.

ތައުލީމުން މަހުރޫމު ކުރުމުގެ އިތުރުން އަފްގާން އަންހެނުން އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުގައި ވަޒީފާ އަދާ ކުރުން ވަނީ މަނާކޮށްފައި އެވެ. އޭގެ ކުރިން އަންހެނުން އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަޖުބޫރުކޮށްފައިވެ އެވެ. އަދި މަހުރަމަކާއި ނުލައި އާންމުތަންތަނަށް ނުކުތުންވެސް ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް