ފޭކު ފިންގަޕްރިންޓުގެ މައްސަލަ ހައްލު ކުރަން އީސީން މަސައްކަތް ފަށައިފި

ފޭކު ފިންގްޕްރިންޓު ޖަހައިގެން ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ހުށަހަޅާ މައްސަލަ ހައްލު ކުރަން އެލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ފަށައިފި އެވެ. ފިންގާޕްރިންޓު ޖަހައިގެން ޕާޓީތަކަށް ވަނ...

11 Jan 2023 | 11:52

ފޭކު ފިންގްޕްރިންޓު ޖަހައިގެން ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ހުށަހަޅާ މައްސަލަ ހައްލު ކުރަން އެލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ފަށައިފި އެވެ.

ފިންގާޕްރިންޓު ޖަހައިގެން ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ހުށަހަޅާގޮތަށް ހަމަޖެއްސީ މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމު ފުރައި ޕާޓީތަކަށް ވަންނަން ފޯމު ހުށަހެޅުން ހުޓުވުމަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފޯމު ހުށަހަޅާ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް އަންގަން ފަށާފައި އެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ހުރިހާ ބަދަލުތަކެއް ގެނައި ނަމަވެސް ޕާޓީތަކަށް ވަންނަ އެދޭ ފޯމު ހުށަހެޅުމުގައި އަދިވެސް މައްސަލަތައް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ފޭކު ފިންގާޕްރިންޓު ފޯމުގައި ޖެހުމުގެ މައްސަލަ އެވެ.

ފުވާދު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް އަދި ހާމައެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ޕާޓީތަކަށް މީހުން ވެއްދުމުގައި އީސީން އެއްވެސް މަކަރެއް ނުހަދާ ކަމަށެވެ. ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްދެނީ ޕާޓީތަކުން ވެރިފައިކޮށްފައި ހުށަހަޅާ ފޯމުތައް ކަމަށާއި އޭގެ ތެރެއިން ފޯމުތަކެއްގައި ފޭކު ފިންގާ ޕްރިންޓު ހުރުމަކީ އެކަށީގެންވާ ކަމަށެވެ.

މިހާރު ސިޔާސީ ޕާޓީއަށް ވަނުމަށް އެދޭ ފޯމެއްގައި މައްސަލައެއް ޖެހިއްޖެ ނަމަ ފިންގަޕްރިންޓު ވެރިފައި ކުރަނީ ފުލުހުންގެ އިދާރާގެ އެހީތެރިކަމާއި އެކު އެވެ.

އީސީން ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ޕާޓީތަކުގެ ދަފްތަރުގައި މީހުން ޖެއްސުމުގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބެ އެވެ. އީސީން ބުނީ އެސްއެމްއެސް މެދުވެރިކޮށް އަންގަން ފެށުމުން ޕާޓީތަކަށް ވަންނަން އެދި ހުށަހަޅާ ފޯމުތަކުގެ އަދަދު މަދުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް