މޯލޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައި ވައްކަން ކުރި މީހާ، ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރުކޮށް ދައުވާ އުފުލީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ މީރާ ފަޅާލީ މިދިޔަ އަހަރުގެ އޮގަސްޓު 10 ވަނަ ދުވަހު އެވެ.
މި މައްސަލައިގަ އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހު އެވެ. މީރާ ފަޅާލެވުނު ނަމަވެސް އެ ދުވަހު އޭނާއަށް ނެގުނީ އެންމެ 25 ރުފިޔާ އެވެ.
މި މައްސަލައިގަ ދަަައުލަތުން އޭނާގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވުނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ދެ ދައުވާއަށްވެސް އޭނާ އިއުތިރާފުވެފައިވެ އެވެ.
މި ދެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އިއްވީ ޖުމްލަ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. އެއީ ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ޖެހޭ ވަރެވެ. މި ހުކުމް ކުރީ އިއްޔެ އެވެ.
އޭނާ މީރާ ފަޅާލީ އަށް އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަންކުރިތާ މަހެއް ނުވަނީ ހެވެ. މި މައްސަލައިގަ އޭނާ ބުނީ ވައްކަން ކުރަން ޖެހުނީ ކުރީގެ އެކުވެރިންނާ ދިމާވެ މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ކަމަށެވެ.
އޭގެ ކުރިން މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން ވައްކަން ކުރި މައްސަލަތަކެއްގައިވެސް ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް