މިދިޔަ އަހަރު އަރަބި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ލީޑަރަކަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ހޮވިއްޖެ އެވެ.
އޭނާ މި މަގާމު ހޯދީ ރަޝިއާގެ އިންޓަނޭޝަނަލް ޓީވީ ނެޓްވޯގެ ޓިވީ ޗެނަލެއް ކަމަށްވާ ރަޝިއާ ޓީވީން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އެވެ. ކޮންމެ އަހަރަކުވެސް ތަފާތު ދާއިރާއިތަކުން ދުނިޔޭގެ ފެންވަރުގެ ލީޑަރު ހޮވުމަށް އާންމުންގެ ހިޔާލަށް ހުޅުވާލާ އެ ޗެނަލުގެ، މި މަގާމު މުހައްމަދު ކާމިޔާބު ކުރި މިއީ ދެ ވަނަ އަހަރެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހިޔާލު ހޯދުމުގެ މި ވޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 11,877,546 މިލިއަން މީހުން ބައިވެރިވި އެވެ.
ވަލީއަހުދު މުހައްމަދު މަގާމު ހޯއްދެވީ 7,399,451 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 62.3 ޕަސެންޓެވެ.
ދެވަނައަށް އަރަބި ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ލީޑަރަކަށް ހޮވުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އެވެ. އޭނާ މަގާމު ހޯއްދެވީ 2,950,543 މިލިއަން ވޯޓުންނެވެ. އެއީ 24.8 ޕަސެންޓެވެ.
ތިން ވަނަ ލިބިވަޑައިގެންނެވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އަށެވެ. އެއީ 1,387,497 ވޯޓެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަލީއަހުދު މުހައްމަދަށް ޖެހި ޖެހިގެން ދެ އަހަރު މި އެވޯޑު ލިބުނީ ސައުދީއަށް ޒަމާނީ ތަރައްގީ ތައާރަފު ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުންނެވެ. އަދި އިންސާނީ ހައްގުތަކާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ސައުދީގެ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލަކީ ދުނިޔެ މުހައްމަދު ބަލައިގެންނަ ސަބަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް