އެމްޑީޕީއަކީ ވިސްނުންތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ކުރިއަށްގެންދަން ދަންނަ ޕާޓީއެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން އުސޫލުތަކާ ހިލާފުވެގެން ކަމަށް ބުނެ އެމްޑީޕީން ވަކިކޮށްފައި ވަނިކޮށް މިހާރުގެ ރައީސް އިބްރާހިމް ޞާލިހުގެ ބާރު އޮތް އެމްޑީޕީން އޭނާއަށް އަލުން މަރުހަބާކިޔާ ރައީސް ޞާލިހްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ފޯރިއާއެކު އޭނާ ހަރަކާތްތެރިވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ވިސްނުންތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ކުރިއަށްގެންދަން ދަންނަ ޕާޓީއެއްކަމަށެވެ.
އަދި ކުރިންވެސް އެގޮތަށް އެކަން ކުރެއްވިކަމަށާ، މިހާރު ހަމަ އެ އެމްޑީޕީގެ މީހުން އެކަންކުރަން ނުކުމެ އެބަތިބިކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ ތެރޭގައި ފިތުނަ އުފެއްދުމުގެ ޖާގައެއް ނެތްކަމަށާ، އެކަންކުރަން މަސައްކަތްކަތް ކުރާ ބަޔަކު މިފަހަރު އެކަހެރިވާނެކަމަށް މޫސަގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އަށް އަހަރު ކުރިން މޫސަ އެމްޑީޕީން ވަކިކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ޚިޔާލު ތަފާތުވެ އުފެދުނު މައްސަލަތަކެއްގައެވެ. އޭގެ ފަހުން މޫސަ ވަނީ ޕީޕީއެމަށް ސޮއި ކޮށް 2018 ވަނަ އަހަރު ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވާފައެވެ.
މީގެ އިތުރުން އަހަރު ތަކަކަށް ފަހު އެމްޑީޕީއާއި އަލުން ގުޅިވަޑައިގެން ރައީސް ޞާލިހްގެ ފެކްޝަނުގައި މަސައްކަތް ކުރައްވާތީ ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ރީކޯ މޫސައަށް ބޮޑެތި ފާޑު ކިޔުންތަކެއް ރައްދުކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް