އޯ.އޭ.ސީ.ޕީ ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދިވަޑައިގަތުމަށް ރައީސް ނިންމަވައިފި

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯ.އޭ.ސީ.ޕީ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދ...

11 Jan 2022 | 16:23

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯ.އޭ.ސީ.ޕީ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު، އޯ.އޭ.ސީ.ޕީ ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީއެވެ.

ދިވެހިރާއްޖެ މި ޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށްވުމުން ދިވެހިރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ދިވެހިރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުޞަތު ފުޅާވުމާއި، ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އޯ.އޭ.ސީ.ޕީ އާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ޤައުމެއް ބައިވެރިވާ މި ޖަމްޢިއްޔާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެނަމަ ދިވެހިރާއްޖެ ވެގެންދާނީ މި ޖަމްޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ޤައުމަށެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ޤައުމުތަކަކީ މި ވަގުތު މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް