އަވައްޓެރި އިންޑިއާ އަކީ ކޮންމެ ވަގުތެއްގައިވެސް ރާއްޖެއަށް ބަރޯސާ ވެވޭނެ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގަ އެވެ. މި ބައްދަލުވުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައި އެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޯވިޑްގެ ދަތި ހާލަތުގައި ވެދިން އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ހައި ކޮމިޝަނަރު ވެސް ވަނީ ރާއްޖޭގެ ހޫނު މަރުހަބާ ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ވެސް މަޝްވަރާކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އައިސްފައިވާ ހިސާބާ މެދު ހިތްހަމަޖެހިވަޑައިގެން ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް