ކޮވިޑް19 އާއި ގުޅޭ މަސައްކަތް ކުރާނެ ވޮލަންޓިއަރުން އައްޑު ސިޓީން ހޯދަނީ

ކޮވިޑް19 އާއި ގުޅޭ މަސައްކަތް ކުރާނެ ވޮލަންޓިއަރުން އައްޑު ސިޓީން ހޯދަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ. އެ ހޮސްޕިޓަލުން ކުރި އިޢުލަނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގެ ރެޑިޕް ...

11 Jan 2022 | 09:23

ކޮވިޑް19 އާއި ގުޅޭ މަސައްކަތް ކުރާނެ ވޮލަންޓިއަރުން އައްޑު ސިޓީން ހޯދަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިޢުލަނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގެ ރެޑިޕް ރެސްޕޯންސް ޓީމަށް 10 ވޮލެންޓިއަރުން ބޭނުންވާ ކަމަށެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮވިޑަށް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމާއި، ޕޮޒިޓިވް ވާ ބަލިމީހުންނާއި ކަރަންޓީނުގައިވާ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އެހީތެރިވެ، ކޮވިޑާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައިވާން ޖެހެއެވެ. އަދި ‘ސެކްންޑްރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑްރީ ސްކޫލް’ ސެޓްފިކެޓް އިމްތިހާންގައި ‘ދިވެހި’ މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވާން ޖެހެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ރެޖިސްޓަރޑް 15 ނަރުހުން ވެސް ހޯދަން އިޢުލާންކޮށްފައެވެ. އެ ހޮސްޕިޓަލަށް ހޯދާ މި ނަރުހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑެމިޓް ކުރެވޭ ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމާއި އެއްތަނުން އަނެއްތަނަށް ޓްރާންސްފަރ ކުރަންޖެހޭ ބަލިމީހުން ޓްރަންސްފަރ ކުރުމުގެ މަސައްކަތް ކުރުމެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންނަން ޖެހޭ ބަލިމީހުން ފެސިލިޓީއަށް ގެނައުމާއި އެފަރާތްތަކަށް އެހެނިހެން ސިއްހީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށް ދެ ޑްރައިވަރުން ހޯދުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ. މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލްކުރާ B2,B1 ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ހާސިލްކޮށްފައިވުން ހިމެނެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލަށް 02 ވެހިކަލް އެސިސްޓެންޓުން ،05 އެޓެންޑެންޓް ( ޕޭޝަންޓް ކެއަރ) އަދި 1 މެއިންޓެނެންސް އެސިސްޓެންޓް ހޯދުމަށް ވަނީ އިއުލާްންކޮށްފައެވެ.

މި މަސައްކަތްކުރާ ފަރާތްތަކުން ދުވާލަކު 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]. އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް