2018 ވަނަ އަހަރު ބިންގާ އެޅި ބ. ގޮއިދޫގެ ސްކޭޓްޕާކު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މި މަހުގެ ނުވަ ވަނަ ދުވަހު އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނީ ގޮއިދޫގައި ސްކޭޓް ޕާކެއް ތަރައްޤީ ކުރަން ޝައުގު ވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން، ގޮއިދޫގައި 2،500 އަކަފޫޓުގެ ސްކޭޓް ޕާކެއް އެޅުމަށް ހަމަޖެހިފައި ވެއެވެ.
މި މަސައްކަތަށް ކުރިމަތިލުމުގެ ސުން ގަޑި އަކީ 19 ޖަނަވަރީ 2022 ވަނަ ދުވަހުގެ 11:30 އާ ހަމައަށް ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ގޮއިދޫ ކުދިން ސްކޭޓް ކުރުން އާންމުވެފައިވަނީ މީގެ ހައެއްކަ ވަރަކަށް އަހަރު ކުރިން ފެށިގެންނެވެ.
ކުދިންތަކެއް ހަވީރު ވަގުތު ސްކޭޓް ބޯޑް ހިފައިގެން ސްކޭޓް ކުރެވޭތޯ އުޅެން ފެށުމުން ރަށުގެ ޒުވާނުންނާއި ސްކޫލުން އެކަން ބަލައިގަނެ، ކުދިންގެ އެ ހުނަރު ތަރައްޤީ ކުރެވޭތޯ ތަމްރީން ދީގެން މަސައްކަތް ފަށާފައި ވެއެވެ.
ރަށުގެ ބަނދަރުމަތީ މަސްކަނޑާތަނުގައި ސްކޭޓް ކުރަމުން އައި ކުދިންގެ ހުނަރު އޮލިމްޕިކް ކޮމިޓީގެ ސަމާލުކަމަށް އައިސް ފައި ވެއެވެ. އަދި 2018 ވަނަ އަހަރު އެ ކޮމިޓީން ވަނީ ގޮއިދޫގައި "އޮލިމްޕިކް ސްކޭޓް ޕާކް" ގެ ނަމުގައި ސްކޭޓް ޕާކެއްގެ ބިންގާ އަޅައިދީފައެވެ.
ގޮއިދޫ އަކީ ލިބިފައިވާ މަދު ވަސީލަތްތައް ބޭނުންކޮށްގެން ކުދިން ޝައުގުވެރިވާ ދާއިރާ އަކުން އެ ކުދިންގެ ހުނަރު ތަރައްޤީކޮށް ދޭން މަސައްކަތް ކުރާ މުޖުތަަމަޢު އެއް ދިރިއުޅޭ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް