ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ކައިރީ މަޑުކުރެވޭ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ ބައެއް ގަޑިތަކުގައި، ހާއްސަކޮށް އޮފީސްތަކާއި ސްކޫލްތަކަށް މީހުން ދާ ޕީކް ގަޑިތަކުގައި ފްލެޓުތަކުގެ ލިފްޓުތައް ކައިރި އޮންނަނީ ތޮއްޖެހިފަ ކަމަށެވެ. އަދި އެ ސަރަހައްދުގައި ލިފްޓު އަންނަންދެން މަޑުކޮށްގެން ތިބޭ ތަންކޮޅު ވަރަށް ކުޑަ ކަމަށެވެ.
އެހެންވެ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލޮބީ ސަރަހައްދު ނުވަތަ ލިފްޓު އަންނަންދެން މަޑުކޮށްގެން ތިބޭ ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެޗްޑީސީން ވަނީ އެތަނުގައި އިންނަ ކުޑަ ފާރު ބުރި ތަޅާލައި އެތަން ހުޅުވާލަން ނިންމާފަ އެވެ.
މިގޮތަށް ހެދުމުން ތޮއްޖެހިގެން ތިބެންޖެހުމުގެ މައްސަލައަށް ހައްލު ލިބޭނެ އެވެ.
ލިފްޓަށް އަރަން ގޮސް ތިބޭ ސަރަހައްދު ބޮޑު ކުރާއިރު ހިޔާ ފްލެޓުތަކުގެ ލިފްޓުގައި މީހުން ތާށިވުމުގެ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. އެ މައްސަލަ އާއި ލިފްޓުގެ މެއިންޓަނަންސް ހުރިހާ މަސައްކަތެއް އެޗްޑީސީން މިހާރު ވަނީ ކުންފުންޏަކާއި ހަވާލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް