ާއެމެރިކާ މީހަކަށް ހިތެއް ނުލިބިގެން އޫރެއްގެ ހިތެއް ލައްވައިފި!

އެމެރިކާގެ އުމުރުން57 އަހަރުގެ ޑޭވިޑް ބެނެޓް ކިޔާ މީހަކު އޫރެއްގެ ހިތް ބޭނުންކޮށްގެން ހިތުގެ ޓްރާންސްޕްލާންޓު ހަދައިފި އެވެ. މިއީ ދުނިޔޭގެ ތާރީހުގައި ޖަނަވާރެއްގެ ހިތް އިންސާނެއްގެ ގަޔަށް ލެއްވި ފުރަތ...

11 Jan 2022 | 03:55

އެމެރިކާގެ އުމުރުން57 އަހަރުގެ ޑޭވިޑް ބެނެޓް ކިޔާ މީހަކު އޫރެއްގެ ހިތް ބޭނުންކޮށްގެން ހިތުގެ ޓްރާންސްޕްލާންޓު ހަދައިފި އެވެ.

މިއީ ދުނިޔޭގެ ތާރީހުގައި ޖަނަވާރެއްގެ ހިތް އިންސާނެއްގެ ގަޔަށް ލެއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޫރެއްގެ ކިޑްނީ އެމެރިކާގައި މީހެއްގެ ގަޔަށް ލެއްވި ނަމަވެސް އެމީހާގެ ސިކުނޑި މަރުވެފައިވާތީ އޮޕަރޭޝަން ކާމިޔާބު ކަމެއް ނުވަތަ އޫރެއްގެ ކިޑްނީ އާއި އެކު އިންސާނަކަށް އުޅެވޭނެ ކަމުގެ ޔަގީންކަން އޮތީ ނޭނގިފަ އެވެ.

އޮޕަރޭޝަންގެ ކުރިން ބެނެޓް ބުނީ އޭނާގެ ހަށިގަނޑަށް އޫރެއްގެ ހިތެއް ލެއްވަން ނިންމީ އިތުރު ގޮތެއް ނެތި އިންސާނެއްގެ ހިތެއް ލިބޭނެ އެއްވެސް މަގެއް ފަހި ނުވުމުން ކަމަށެވެ. މި އޮޕަރޭޝަން ކާމިޔާބު ކަމަށް ނިންމޭކަން ނެތް ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ހިތުގެ މި އޮޕަރޭޝަން ކުރި އެގައުމުގެ ޔުނިވާސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުގެ ޑޮކްޓަރުން ބުނީ މި އޮޕަރޭޝަނަށް ފަހު ބެނެޓް އަމިއްލައަށް ނޭވާލާން ފެށި ނަމަވެސް އަދި ކާމިޔާބު ކަމަށް ނިންމަން އަވަސް ކަމަށެވެ. ބެނެޓް އަދި ހޭނާރަ އެވެ.

އެ ޓީމުން ބުނީ އޫރުގެ ހިތް ބެނެޓް ގަޔަށް ލައްވާފައިވަނީ އޭގައި ހުރި ބެނެޓް އާއި ނުގުޅޭ ގިނަ ޖެނެޓިކްސްތަކެއް ވަކި ކުރުމަށް ފަހު ކަމަށެވެ.

މި އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ އިންސާނުންގެ ގުނަވަންތަން ފެއިލްވެގެން އެހެން މީހުންގެ ގުނަވަންތައް ހޯދުމަށް ކުރަންޖެހޭ އިންތިޒާރާއި ނުލިބިގެން އުޅެންޖެހޭ އުޅުމަށް ކޮންމެސް ވަރެއްގެ ހައްލެއް ގެނެވޭނެ އެވެ

އެ ޔުނިވާސިޓީން ބުނީ އެމެރިކާގައި އޮަޕަރޭޝަންކޮށް ގުނަވަން ބަދަލު ކުރެވޭނެ ގޮތެއް ނެތިގެން ކޮންމެ ދުވަހަކު އެ ގައުމުގައި މަދުވެގެން 17 މީހުން މަރުވާ ކަމަށެވެ. މިހާރުވެސް އެއް ލައްކައަށްވުރެ ގިނަ މީހުން އެކި ގުނަވަންތައް ނުލިބިގެން ކިޔުގައި ޖައްސާފަ އެބަ ތިބި ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް