ފަސް މިލިޔަނަށް ދޯންޏެއް ނުގަންނަން، ބަޔަކު އުޅެނީ ކުންފުނީގެ އަގު ވައްޓާލަން: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަސް މިލިޔަން ރުފިޔާއަށް ކުޑަ ދޯންޏެއް ގަނެފައިވާ ވާހަކައަކީ ދޮގެއް ކަމަށާއި އެފަދަ ވާހަކަތަކަކީ ކުންފުނީގެ އަގުވައްޓާލަން ބަޔަކު ގަސްތުގައ ކުރާ ކަމެއް ކަމ...

11 Jan 2017 | 07:59

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަސް މިލިޔަން ރުފިޔާއަށް ކުޑަ ދޯންޏެއް ގަނެފައިވާ ވާހަކައަކީ ދޮގެއް ކަމަށާއި އެފަދަ ވާހަކަތަކަކީ ކުންފުނީގެ އަގުވައްޓާލަން ބަޔަކު ގަސްތުގައ ކުރާ ކަމެއް ކަމުގައި އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލް އިން މިހެން ބުނެފައިވަނީ އެކަމާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި އެމްޕީއެލް އިން ބުނެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން އަދި މިހާތަނަށް ފަސް މިލިއަން ރުފިޔާގެ ދޯންޏެއް ގަނެފައެއް ނުވާނެ ކަމަށެވެ. އެހެންކަމުން މީ ބަޔަކު ގަސްތުގައި ހަޤީގަތް އޮޅުވާލާ މި ކުންފުނީގެ އަގު ވައްޓާލަން ކުރިކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މީޑިއާގެ ބައެއް ފަރާތްތަކުން މި ކުންފުނިން ގަތް ދޯންޏެއްގައި 40 ފޫޓް ހުރި ކަމަށް ބުނާ ބުނުމަކީ ވެސް ކަނޑައެޅިގެން ދޮގެއް ކަމަށާއި ގަނެފައި ވަނީ 65 ފޫޓްގެ ދޯންޏެއް ކަމުގައިވެސް އެ ބަޔާނުގައި ވެ އެވެ.

އަދި އެ ދޯނި ގަނެފައި ވަނީ އެ ކުންފުނީގެ ހަމަޖެހިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަމަށާއި އަދި އެ ދޯންޏަށް ދައްކާފައި ވަނީ ފަސް މިލިއަނަށްވުރެ މާ ކުޑަ އަގެއް ކަމަށާއި އެ ދޯނި ތިލަފުށީގައި އޮންނަ އެމްޕީއެލް ސަރަހައްދަށް އަރުވާފައި ވަނީ ދޯނީގައި ޕަސެންޖަރުންނާއި މުދާ އުފުލުމަށް ގެންނަންޖެހޭ މޮޑިފިކޭޝަންތައް ގެނައުމަށް ކަމުގައިވެސް އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ވާހަކަތަކަކީ ވޭތުވެދިޔަ ކުރު މާޒީގައި އެ ކުންފުނިން ހޯދާފައިވާ ބޮޑެތި ކާމިޔާބީ ފަނޑުކޮށްލާ އެ ކުންފުންޏާއި މި ސަރުކާރުގެ އަގު ވައްޓާލުމަށް މަދު ބަޔަކު އަޑީގައި ތިބިގެން ކުރާ ކަމެއް ކަމަށެވެ. އަދި އެ ކުންފުނީގެ ތެރެއަށް އަތް ބޭނުމަށް މަދު ވިޔަފާރިވެރިންތަކެއް ކުރަމުންދާ މަސައްކަތަށް އެ ކުންފުނިން ފުރުސަތު ނުދޭނެ ވާހަކަވެސް ދަންނަވާކަމުގައި އެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން އެ ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓާލުމަށް ބަޔަކު ގަސްތުގައި ކުރާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ކަމަށާއި އެ ކުންފުނީގެ ތަރައްޤީ އާއި ކުރިއެރުމަށް އަދި ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ގަންނަންޖެހޭ ތަކެތި ކުރިމަގުގައި ވެސް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ކުންފުނިން ގަންނަމުންދާނެކަމުގައިވެސް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް