ފަތުރުވެރިއެއްގެ ކެމެރާއަކާއި ފައިސާތަކެއް ވަގަށްނެގި މީހަކު އެއް އަހަރަށް ޖަލަށް

ޔޫކްރެއިންގެ ފަތުރުވެރިއެއްގެ ކެމަރާއަކާއި ފައިސާތަކެއް ވަގަށް ނެގި މީހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ. ވައްކަމުގެ މި މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ކްރިމިނަލް ...

11 Jan 2015 | 15:46

ޔޫކްރެއިންގެ ފަތުރުވެރިއެއްގެ ކެމަރާއަކާއި ފައިސާތަކެއް ވަގަށް ނެގި މީހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

ވައްކަމުގެ މި މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ސ.ހިތަދޫ، ނާއިންފަރުގެ އިބްރާހީމް ފިޔާޟް (32އ) ގެ މައްޗަށެވެ.

އިބްރާހީމް ފިޔާޟްގެ މައްޗަށް ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ ޙުކުމްގައި ވަނީ 2013 އޭޕްރީލް 17 ވަނަ ދުވަހުގެ ވަގުތެއްގައި، ޕާމް ވިއު ގެސްޓްހައުސްގައި ޔޫކްރެއިންގެ ރައްޔިތެއް ކަމުގައިވާ ހަނާ ލީތްވީނެންކޯ ދިރިއުޅުނު ކޮޓަރީ ތެރޭގައި ބާއްވާފައި އޮތް ނިކޯން ބްރޭންޑްގެ ކަޅުކުލައިގެ ކެމެރާއަކާއި 363 ޑޮލަރު ވަގަށް ނެގިކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ފިޔާޟް އިޢުތިރާފް ވެފައިވާކަމަށެވެ.

މީގެ އިތުރުން ވައްކަން ކުރުމުގެ ކުށަށް އިބްރާހީމް ފިޔާޟް އިޢުތިރާފް ވެފައިވާތީ، ވައްކަން ކުރުމުގެ ކުށުން އޭނާ ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ އޭނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން 06 މަސްދުވަހަށް އިބްރާހީމް ފިޔާޟް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އަދި އިބްރާހީމް ފަޔާޟް ވައްކަން ކޮށްފައިވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމުގައިވާތީ، ހަމަ އެޤާނޫނުގެ 138 ވަނަ މާއްދާގެ ދަށުން 06 މަސްދުވަހަށް، އެކު ޖުމްލަ 1 އަހަރު ދުވަހަށް އިބްރާހީމް ފަޔާޟް ޖަލަށްލުމަށްވެސް ކްރިމިނަލް ކޯޓުގެ ޙުކުމްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް